ޚަބަރު
ބޮޑެތި ފައިސާގެ އިނާމުތަކާއެކު "މޯލްޑިވްސް ޓޫނާ ރޭސް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މަސްވެރިންތަކެއް މަސް ބާނަނީ/ފޮޓޯ: ޕީއެސްއެމް
ބޮޑެތި ފައިސާގެ އިނާމުތަކާއެކު "މޯލްޑިވްސް ޓޫނާ ރޭސް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ރޭހަކީ، ރާއްޖޭގައި ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ރާއްޖޭގެ ކެޔޮޅުންގެ ލޮބީން އިންތިޒާމްކޮށްގެން ބާއްވާ ރޭހެކެވެ.
މިއަހަރުގެ ޑިސެންބަރު މަހުގެ 5-6 އަށް ކުރިޔަށްގެންދާ މި ރޭހަކީ، 24ގަޑީއިރުގެ މުއްދަތަކަށް ކުރިއަށް ގެންދާ ރޭހެއްކަމަށް ކެޔޮޅުންގެ ލޮބީން މަޢުލޫމާތުދެއެވެ. އަދި މި ރޭހަކީ، ކެޔޮޅުންގެ ލޮބީގެ އަހަރީ ދުވަހާއި، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެގޮތުން ކުރިޔަށްގެންދާ ޚާއްޞަ ހަރަކާތެކެވެ. އަދި މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޚާއްޞަ އިނާމުތަކަކާއެކު މި ރޭސް ކުރިޔަށްގެންދަން ރާވާފައިވާކަމަށް ކެޔޮޅުންގެ ލޮބީން ވަނީ ބުނެފައެވެ.
މޯލްޑިވްސް ޓޫނާ ރޭސްގެ ވަނަތަކާއި އިނާމުތައް:
- 1 ވަނަ - އެންމެ މަތިން ކިލޯކިރާ އޮޑިއަކަށް 100،000 ރުފިޔާ
- 2 ވަނަ - އެންމެ މަތިން ކިލޯ ކިރާ އޮޑިއަކަށް 50،000 ރުފިޔާ
- 3 ވަނަ - އެންމެ މަތިން ކިލޯ ކިރާ އޮޑިއަކަށް 25،000 ރުފިޔާ
- އެންމެ ކުރިން މަސް ރޭސް ނިންމާ އޮޑިއަކަށް 5،000 ރުފިޔާ
މި ރޭހުގައި ބައިވެރިވާން ޝައުގުވެރިވާ އޮޑިފަހަރުތަކުން ރޭހުގައި ރަޖިސްޓްރީކުރުމުގެ ސުންގަޑިއަކީ މި އަންނަ ޖުލައި މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ 16:00 އެވެ. އަދި ރޭހުގައި ބައިވެރިވުމަށް އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު ލޮބީގެ އިދާރާއަށް ނުވަތަ އެ ޖަމްޢިއްޔާގެ މެއިލް މެދުވެރިކޮށް ހުށަހެޅިދާނެކަމަށް ލޮބީން ބުންޏެވެ. ހަމަ އެހެންމެ، މި ރޭހުގައި ބައިވެރިވެވޭނީ ޤައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ އަދި މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ އޮޑިފަހަރަށްކަމަށް ވެސް ލޮބީން މަޢުލޫމާތުދެއެވެ.