ޚަބަރު
ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ ސަމާލުވާން އެދިއްޖެ

ޙައްޖު ކޯޕަރޭޝަންގެ ކުރީގެ އޮފީސް
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަޤުޞަދުގައި އާންމު ރައްޔިތުންގެ ފޯނުތަކަށް މެސެޖްތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އެކޯޕަރޭޝަނުން ވަނީ މިކަމާއި ގުޅޭ ގޮތުން ބަޔާނެއް ނެރެފައެވެ.
އެބަޔާނުގައި މިކަމާ ގުޅޭގޮތުން ޙައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ އެ ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ލިންކް ފޮނުވައިގެން ފައިސާ ދެއްކުމަށް މެސެޖެއް ނުކުރާނެ ކަމަށާއި، އަދި އެއްވެސް އަމިއްލަ ފަރާތެއްގެ އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ނާންގާނެ ކަމަށް ވިދާޅުވިއެވެ.
އެ ކޯޕަރޭޝަނުން އިތުރަށް ބުނީ، އެ ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ފައިސާ ބަލައިގަންނާނީ ހަމައެކަނި ކޯޕަރޭޝަންގެ ނަމުގައި ހުޅުވާފައިވާ ރަސްމީ އެކައުންޓުތަކަށް އެކަނިކަމަށެވެ. އަދި މިފަދަ އޮޅުވާލުމުގެ މެސެޖްތަކާއި ލިންކްތަކަށް ސަމާލުވެ، އެފަދަ ލިންކްތަކަށް ނުފިތުމަށާއި، މިފަދަ މެސެޖެއް ނުވަތަ ކޯލެއް ލިބިއްޖެނަމަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް ވަނީ އިލްތިމާސްކޮށްފައިވެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުންދާ ސްކޭމް މައްސަލަތަކާ ގުޅިގެން، އެންޓި ސްކޭމް ސެންޓަރުން ވެސް ވަނީ އާންމު ރައްޔިތުން މިކަމަށް އިތުރަށް ސަމާލުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ހިތުގައި ޝައްކު އުފެދޭ ހާލަތްތަކުގައި، އެކަމެއް ރަނގަޅަށް ޔަޤީންކުރުމަށްފަހު ނޫނީ އެއްވެސް ފައިސާގެ މުޢާމަލާތެއް ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މިފަދަ ސްކޭމް މައްސަލަތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، މިފަދަ މައްސަލައެއް ފާހަގަވެއްޖެނަމަ އެންޓި ސްކޭމް ސެންޓަރަށް ވަގުތުން ރިޕޯޓުކުރުމަށް އެ ސެންޓަރުން ވަނީ އާންމުންނަށް ގޮވާލާފައެވެ.