Ads by Stelco

ޚަބަރު

ވެއްޓުނު ބޯޓު ލަންޑަނަށް ދާން ފުރުމުގެ ކުރިން މައްސަލަތަކެއް ފާހަގަވި

ވެއްޓުނު ބޯޓު ލަންޑަނަށް ދާން ފުރުމުގެ ކުރިން މައްސަލަތަކެއް ފާހަގަވި

ފްލައިޓު ވެއްޓުނު ތަނުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރަނީ، ފޮޓޯ: ރޮއިޓާރސް

12 ޖޫން 2025، 07:28

އިންޑިއާގެ އަހުމަދުއާބާދުން ފުރައިގެން އިނގިރޭސިވިލާތުގެ ލަންޑަނަށް ދާން އުޅެނިކޮށް ވެއްޓުނު އެއަރ އިންޑިއާގެ މަތިންދާ ބޯޓު، އެ ދަތުރަށް ފުރުމުގެ ކުރިން ފްލައިޓުގެ މައްސަލަތަކެއް ފާހަގަވެފައިވާކަން، އެ ފްލައިޓުން އަހުމަދުއާބާދަށް ދަތުރުކުރި ޕެސެންޖަރަކު ހިއްސާކޮށްފިއެވެ. 

ސަރުދާރު ވައްލަބާއި ޕަޓޭލް އިންޓަނޭޝަނަލް އެއަރޕޯޓުން ލަންޑަންގެ ގެޓްވިކް އެއަރޕޯޓަށް ދިއުމަށް މިއަދު މެންދުރުފަހު 1:39ގައި ނައްޓާލި އެއަރ އިންޑިއާގެ މަތިންދާ ބޯޓު ވަނީ، ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެއްޓިފައެވެ. 

ދިއްލީއިން އަހުމަދުއާބާދަށް އެ ފްލައިޓުގައި މިއަދު ދަތުރުކުރި އާކާޝް ވަޓްޝާ ނަމަކަށް ކިޔާ ޕެސެންޖަރަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ގޮތުން، އަހުމަދުއާބާދަށް ދިޔައިރު ބޯޓުގެ އޭސީ މަސައްކަތް ނުކުރާކަމާއި އަދި އިންފްލައިޓް-އެންޓަޓައިންމަންޓު އެއްގޮތަކަށް ވެސް މަސައްކަތް ނުކުރާކަން ފާހަގަވެފައިވެއެވެ.

އާކާޝް ހިއްސާކޮށްފައިވާ ވީޑިއޯތަކުން އިތުރަށް އެނގުނު ގޮތުގައި، ފްލައިޓުގައި ތިބި މީހުން ކަރުދާސްފަދަ ތަކެތި ބޭނުންކޮށްގެން ފިނިވޭތޯ ގަޔަށް ވައިޖައްސާ މަންޒަރު ފެނެއެވެ.

އަދި އެ ބޯޓުގައި އިނދެ ވާހަކަ ދައްކަމުން އާކާޝް ނަގާފައިވާ ވީޑިއޯއިން ފެންނަގޮތުން، އިންފްލައިޓް އެންޓަޓައިންމަންޓް ސިސްޓަމުގެ ރިމޯޓަށް ފިތައި ބޮކިތައް ދިއްލަން އުޅެ އެކަން ނާކާމިޔާބުވި ކަމާއި، ކެބިން ކްރޫންނަށް ގޮވުމަށް ބޭނުންކުރާ ބަޓަންތަކަށް ފިތުމުން އޭގެ މަސައްކަތް ވެސް ނުކުރާކަން ފާހަގަވިއެވެ.



އެހެންކަމުން މި ފްލައިޓު އަހުމަދުއާބާދަށް ދިއުމުގެ ކުރިން ވެސް ފްލައިޓުގައި މައްސަލަތަކެއް ހުރިކަން މި ހިސާބުން ވެސް މިވަނީ ފާހަގަވެފައެވެ. އެހެންކަމަށްވާނަމަ، ލަންޑަނަށް ދިއުމަށް ފުރުމުގެ ކުރިން މި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރިތޯ މިހާރު ސުވާލުއެފެދެއެވެ. ނަމަވެސް މި ހާދިސާ ހިނގި ސަބަބާ ގުޅިގެން އެއްވެސް ފަރާތަކުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. 

ފްލައިޓްރާޑަރ24 އިން ފެންނަ ގޮތުގައި، ޑްރީމްލައިނާ 787-8 މަރުކާގެ މި ބޯޓުގެ ސިގްނަލް ވަނީ ނައްޓާލިތާ މިނެޓެއްގެ ތެރޭގައި ގެއްލިފައެވެ. އޭރު ފްލައިޓު އޮތީ 625 ފޫޓު މަތީގައެވެ. އަދި ވެއްޓުމުގެ ކުރިން އެއަރ ޓްރެފިކް ކޮންޓްރޯލަރަށް މޭ-ޑޭ ކޯލެއް ދިންކަމަށާއި ނަމަވެސް އޭގެ ފަހުން އެއްވެސް ހަބަރެއް ނުވާކަމަށް، އިންޑިއާގެ އޭވިއޭޝަން ރެގިއުލޭޓުކުރާ އިދާރާއިން ހާމަކޮށްފައިވެއެވެ. 

އަހުމަދުއާބާދުގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އެ ބޯޓުން ދަތުރުކުރި 242 ޕެސެންޖަރުންނާއި ކްރޫއިންގެ ތެރެއިން 204 މީހަކު މަރުވެފައިވާކަން މިހާރު ވަނީ ކަށަވަރުކުރެވިފައެވެ.

މި ފްލައިޓުގައި އިންޑިއާގެ 169 މީހުންނާއި، އިނގިރޭސި ވިލާތުގެ 53 މީހުންނާއި، ކެނެޑާ މީހަކާ އަދި ޕޯޗްގީޒް ހަތް މީހަކު ތިއްބެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS