Ads by Stelco

ޚަބަރު

އަންނަ ޖެނުއަރީގެ ކުރިން ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރަން ފެނަކައާއި ހަވާލުކޮށްފި

އަންނަ ޖެނުއަރީގެ ކުރިން ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރަން ފެނަކައާއި ހަވާލުކޮށްފި

ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުން. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖޫން 2025، 06:32

12 ޖޫން 2025، 06:32

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ ޖެނުއަރީ މަހު ފެށުމުގެ ކުރިން، ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ މިއަދު ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއަށް 54 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެއެވެ.

ތަޢުލީމީ ވުޒާރަގައި ބޭއްވުނު ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަޖާހެވެ. މި މަޝްރޫއަކީ ސަރުކާރުން މިދިޔަ އަހަރުގެ ޖޫން މަހު އިފްތިތާހުކުރި "ކޫލް ސްކޫލް" ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ވަޒީރު ޝަފީޢު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހޫނުމިން ބައެއް ދުވަސްތަކުގައި 40 ޑިގްރީއަށް އަރާއިރު، 30 ކުދިން ތިބޭ ކްލާހެއްގައި ވެސް ދަރިވަރުންނަށް ވަރަށް އުނދަގޫތަކަކާ ކުރިމަތިވެއެވެ.

 "އަޅުގަނޑުމެން މަސައްކަތް ފެށީ ދެ އަހަރު ތެރޭ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކޮށް ނިންމަން. މިހާރު އެސްޓިމޭޓެޑް ޓައިމް ލައިނަކީ މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމެންވާއިރަށް ސްކޫލުތަކަށް އޭސީ ފޮނުވައި، ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން،" ވަޒީރު ވިދާޅުވިއެވެ.

ފެނަކައިގެ އެމްޑީ ނަޖާހު ވިދާޅުވީ މި މަޝްރޫއާ އެކު ރަށްރަށުގެ ކަރަންޓު ވިއުގަ ވެސް ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހު މަސައްކަތް ފަށައި، ޖެނުއަރީ މަހުގެ ކުރިން މަސައްކަތް ނިންމޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ސަބަބުން ދައުލަތުން މިހާރު ކުރާ ހަރަދަށް 38 ޕަސެންޓުގެ އިތުރުވުމެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް މި މަޝްރޫއުގެ 30 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައިން ހިންގާ ނިޒާމުތަކެއް ކަމަށް ވަޒީރު ކުރިން ވަނީ ވިދާޅުވެފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS