ޚަބަރު
ޞިއްޙީ ގޮތުން ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ޚާއްޞަ ކެމްޕެއިނެއް ކުރިއަށްގެންދަން ނިންމައިފި

ޞިއްޙީ ގޮތުން ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ކެމްޕެއިނެއް ފެށުމަށް ބޭއްވި މަޝްވަރާ ބައްދަލުވުން- ފޮޓޯ: މަތީތަޢުލީމާ ބެހޭ ވުޒާރާ
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް) އަދި ޞިއްޙީ ވުޒާރާ ގުޅިގެން ޞިއްޙީ ގޮތުން ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ޚާއްޞަ ކެމްޕެއިނެއް ކުރިއަށްގެންދަން ނިންމައިފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް) އަދި ޞިއްޙީ ވުޒާރާގެ ފަރާތުން ޞިއްޙީ ދާއިރާއާއި ގުޅޭ މުހިއްމު ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށް އަމާޒުކޮށް ކެމްޕެއިނެއް ފެށުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.
އަދި މި ކެމްޕެއިނަކީ ދިވެހި ރައްޔިތުން ޞިއްޙީ ގޮތުން ހޭލުންތެރިކުރުވުގެ މަޤްޞަދުގައި ކުރިއަށްގެންދާ ކެމްޕެއިންނެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެފައި ވެއެވެ. އެގޮތުން، ލޭ ހަދިޔާކުރުން ފަދަ އާންމު ޞިއްޙަތާއި ގުޅުން ހުރި މުހިއްމު މަޢުލުމާތުތައް މި ކެމްޕެއިން މެދުވެރިކޮށް އާންމުންގެ މެދުގައި ޙިއްސާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވެއެވެ. މީގެ އިތުރުން، އައި.ޔޫ.އެމްގެ އިތުރުން އެފަދަ މަތީ ތަޢުލީމު ފޯރުކޮއްދޭ އެހެނިހެން މަރުކަޒުތަށް މެދުވެރިވެ، މި ކެމްޕެއިން ޤައުމީ ފެންވަރުގައި ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން ވިދާޅުވެއެވެ.
މި ބައްދަލުވުމުގައި، ޞިއްޙީ ވުޒާރާގެ ފަރާތުން އެ ވުޒާރާގެ ވަޒީރު، އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ. ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ،ޑރ.ޢަލީ ޒާހިރު، ޑީން އޮފް ސްޓޫޑަންޓްސް، ޢަބްދުލް ހަފީޒް ޚާލިދް އަދި ޕްރެޒިޑެންޓް އޮފް ސްޓޫޑަންޓް ޔޫނިއަން، ހުސައިން އަރުބާން ފަވާޒް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.