ޚަބަރު
މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ޕޮލިސް ލައިން ދަމާފައިވާ ސަރަހައްދެއް. ފޮޓޯ: ރާއްޖެ އެމްވީ
މާލޭގެ މައްޗަންގޯޅީގައި ހުރި ގެއެއްގެ ތެރެއިން މިއަދު ހެނދުނު 41 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އެ މީހާގެ ހާލު ދެރަވެފައި އޮއްވާ ފެނުމާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އޭނާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް މި ވަގުތު ހާމަކޮށްފައި ނުވި ނަމަވެސް، ފުލުހުން ވަނީ މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ފަށާފައެވެ.
މަރުވެފައިވާ ފަރާތުގެ އައިޑެންޓިޓީ މި ވަގުތަށް ހާމަކޮށްފައި ނުވެއެވެ. އަދި މަރުގެ ސަބަބު ބެލުމަށް ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.