ޚަބަރު
ޔޫ.އެން.އޯ.ސީ 3 ގެ ސައިޑް އިވެންޓުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

ޔޫ.އެން.އޯ.ސީ 3 ގެ ސައިޑް އިވެންޓުގައި ދިވެހިރާއްޖެއިން ބައިވެރިވުން.ފޮޓޯ: ވުޒާރާ
ބީ.ބީ.އެން.ޖޭ މުއާހަދާ ތަންފީޒު ކުރުމުގައި ގިނަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން ބޭއްވުނު "ފްރޮމް ޓްރީޓީ ޓު އެކްޝަން: މަލްޓި-ސްޓޭކްހޯލްޑަރ ކޯޕަރޭޝަން ފޯރ ދަ ހައި ސީސް" ސައިޑް އިވެންޓުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
ބީ.ބީ.އެން.ޖޭ އެއްބަސްވުމުގައި ސޮއިކުރި ފުރަތަމަ 10 ގައުމުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖެއިން، ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމުގައި އެންމެހާ ފަރާތްތަކުގެ ބައިވެރިވުން ހޯދައި، ހާމަކަން ބޮޑު އަދި ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތުގައި ދެމިހުންނާނެކަން އަލުން ކަށަވަރުކޮށްދީފައިވެއެވެ.
މި އިވެންޓުގައި ސަރުކާރުތަކާއި، ސައިންޓިސްޓުންނާއި، މަދަނީ ޖަމިއްޔާތަކާއި އަދި މުޖުތަމައުގެ އެކި ފަރާތްތަކުގެ މުހިންމު ދައުރު ފާހަގަކުރެވުނެވެ. ޚާއްޞަކޮށް މުއާހަދާ ތަންފީޒު ކުރުމުގައި ކަނޑުގެ ވަސީލަތްތަކަށް އެންމެ ބޮޑަށް ބަރޯސާވާ ފަރާތްތަކުގެ އަޑު އިވޭނެ ގޮތް ހެދުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ.
ދިވެހިރާއްޖެއަށް ކަނޑުގެ ސަރަހައްދުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަކީ މަސްވެރިކަމާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި އަދި ގައުމުގެ މުސްތަގުބަލާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަން މި އިވެންޓުގައި ފާހަގަކުރެވުނެވެ.