ޚަބަރު
ބަލިތައް ފެތުރޭ މިންވަރު ގިނަ، ޙައްޖުވެރިންނަށް މަރުޙަބާ ކިޔުމަށް ދާ މީހުންގެ ޢަދަދު މަދުކުރުމަށް އިލްތިމާސްކޮށްފި

ފުރަން ގޮސް ތިބި ޙައްޖުވެރިންތަކެއް. ފޮޓޯ:އިސްލާމީ ވުޒާރާ
ޙައްޖުގެ އަޅުކަން އަދާކޮށް ރާއްޖެ އެނބުރި އަންނަ ޙައްޖުވެރިންނަށް މަރުޙަބާ ކިޔުމަށް އެއަރޕޯޓަށް ދާ މީހުންގެ އަދަދު މަދުކުރުމަށް ޞިއްޙީ ދާއިރާގެ އިސް ފަރާތްތަކުން އިލްތިމާސްކޮށްފިއެވެ.
މި އިލްތިމާސް ކުރައްވާފައިވަނީ މިހާރު ފެތުރެމުންދާ ބަލިތަކާ ގުޅިގެންނެވެ.
އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ މުޙައްމަދު ހަމްޒަތު ދައުލަތުގެ މީޑިއާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވި ގޮތުގައި، ޙައްޖުން އެނބުރި އަންނަ މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކުން މާސްކު އަޅައިގެން އައުމަށް ސަމާލުވާން ޖެހެއެވެ. އަދި ރާއްޖެ އައުމަށްފަހު 14 ދުވަހުގެ ތެރޭގައި ހުމާއި، ކެއްސުން، ނޭވާ ދަތިވުން ފަދަ އަލާމާތްތައް ފެނިއްޖެނަމަ ވަގުތުން ޞިއްޙީ ފަރުވާ ހޯދުމަށް އޭނާ އިރުޝާދު ދެއްވިއެވެ.
ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒު ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ، ޙައްޖުވެރިން އެނބުރި އައުމަށްފަހު މަދުވެގެން ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ބޭއްވުމުން ދުރުހެލިވާން ޖެހޭކަމަށެވެ. "ޚާއްސަގޮތެއްގައި ފުރަތަމަ ހަފުތާގައި ގިނަ މީހުން އަދި ބަލިމީހުން ގެނެސްގެން އެއްވުންތައް ބޭއްވުމަކީ ޞިއްޙީގޮތުން ރައްކާތެރިކަމެއްނޫން" ޑރ. އިޔާޒު ވިދާޅުވިއެވެ.
ޑޮކްޓަރަށް ދައްކާއިރު ޙައްޖު ނުވަތަ ޢުމްރާއިން އެނބުރި އައި މީހެއްކަން އަންގައިދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ހަމްޒަތު ފާހަގަކުރެއްވިއެވެ. އަދި ރޯގާގެ އަލާމާތްތައް ހުރި މީހުން މާސްކު އެޅިނަމަވެސް މީހުން ގިނަ ތަންތަނަށް ނުދިއުމަށާއި، ކުދިންގެ ކިބައިން ރޯގާގެ އަލާމާތްތައް ފެނިއްޖެނަމަ ސްކޫލަށް ނުފޮނުވުމަށް ޑރ. އިޔާޒު އިލްތިމާސްކުރެއްވިއެވެ.
ޙައްޖުގެ އަޅުކަމަށް މިއަހަރު ސަޢޫދީ ޢަރަބިއްޔާއަށް ދިޔަ ދިވެހިން މިމަހުގެ 13 ވާ ހުކުރު ދުވަހުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެއެވެ. ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 4 ދުވަހެއްގެ މަތިން 4 ފްލައިޓެއްގައެވެ.