ޚަބަރު
މަޖިލީހުގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުން މަޖިލީހުގެ ޖަލްސާ ނިންމާލައިފި

މިއަދުގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތި. ފޮޓޯ: މަޖިލިސް
ޗުއްޓީއަށްފަހު މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ގަޑިއިރެއްގެ ތެރޭގައި ނިންމާލާފިއެވެ.
މިއަދުގެ ޖަލްސާގައި ހިމެނުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސިވިލް އޭވިއޭޝަން ގާނޫނަށް ގެންނަ އިސްލާހަށް ބަހުސްކުރުމާއި، ދެ މުހިންމު އައްޔަނުކުރުމަކާ ގުޅޭ މައްސަލަ ހިމެނެއެވެ.
މަޖިލީހުގެ މިއަދުގެ އެޖެންޑާގައި ހިމެނުނު މައްސަލަތަކުގެ ތެރޭގައި، ނޭޕާލުން ދިވެހިރާއްޖެއަށް ކަނޑައަޅާ ނަން-ރެސިޑެންޓް ސަފީރުކަމަށް އައިޝަތު އަޒީމާ އައްޔަނުކުރުމާމެދު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް ހުށަހެޅުމާއި، ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް އަބްދުﷲ ހަމީދާއި މުޙައްމަދު ސަލީމް އައްޔަނުކުރުމާ ގުޅޭ ރިޕޯޓް ހުށަހެޅުން ހިމެނެއެވެ.
ޖަލްސާގައި ސިވިލް އޭވިއޭޝަން ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރެއްވީ އެންމެ ދެ މެންބަރުންނެވެ. އަދި އައިޝަތު އަޒީމާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަނުކުރުމާ ގުޅޭ ރިޕޯޓަށް ބަހުސްކުރެއްވީ އެންމެ މެންބަރެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅުން އައްޔަނުކުރުމާ ގުޅޭ ރިޕޯޓަށް ބަހުސްކުރެއްވީ ދެ މެންބަރުންނެވެ.
ޖަލްސާގައި ހުށަހެޅުނު ހުރިހާ މައްސަލަތަކަށް ވޯޓަށް އެހުމަށްފަހު، ކުރާނެ އިތުރު މަސައްކަތެއް ނެތުމުން ޖަލްސާ ވަނީ ނިންމާލާފައެވެ. މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވި ގޮތުގައި ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުއެވެ.