Ads by Stelco

ޚަބަރު

އެއް ހަފްތާގެ ތެރޭގައި ސްކޭމްތަކުން 270,000 ރުފިޔާ ގެއްލިއްޖެ

އެއް ހަފްތާގެ ތެރޭގައި ސްކޭމްތަކުން 270,000 ރުފިޔާ ގެއްލިއްޖެ

އޮންލައިން ސްކޭމްތައް އަދިވެސް ހިންގަމުންދޭ، ސަމާލުވާން ޖެހޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖޫން 2025، 12:34

11 ޖޫން 2025، 12:34

މިދިޔަ ހަފްތާގައި އެކި ބާވަތުގެ ސްކޭމް މައްސަލަތަކުގެ ސަބަބުން 270,270 ރުފިޔާއަށްވުރެ ގިނަ ފައިސާ ގެއްލިފައިވާކަމަށް އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، ޖޫން 3 އިން 9 އަށް ސްކޭމްއާ ގުޅޭ 35 އައު މައްސަލަ ވަނީ ރިޕޯޓްކުރެވިފައެވެ. މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހިނގާފައިވަނީ ފައިސާ ޓްރާންސްފަރކުރުމާއި އީ-ކޮމާސް ސްކޭމްތަކެވެ. އަދި މިފަދަ ސްކޭމްތައް އެންމެ ގިނައިން ހިންގާފައިވަނީ ވައިބަރ އަދި ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށްކަން ފާހަގަކުރެވިފައިވެއެވެ.

ގެއްލުނު ފައިސާގެ ތެރެއިން 75,776 ރުފިޔާ، ނުވަތަ ގެއްލުނު ޖުމްލަ އަދަދުގެ 11 އިންސައްތަ، މިހާރު ވަނީ އަނބުރާ ހޯދިފައެވެ. ނަމަވެސް، ގެއްލުނު ފައިސާގެ ބޮޑު ބައެއް އަދިވެސް ހޯދިފައިނުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި އެންޓި ސްކޭމް ސެންޓަރުން ވަނީ ރައްޔިތުންނަށް މުހިންމު އިރުޝާދުތަކެއް ދީފައެވެ. އޭގެ ތެރޭގައި އެއްވެސް މުޢާމަލާތެއް ކުރުމުގެ ކުރިން އެފަރާތެއްގެ ހަގީގަތް ކަށަވަރުކުރުމާއި، އެއްވެސް ހާލެއްގައި އޯޓީޕީ ނުވަތަ ޕާސްވޯޑް އެހެން ފަރާތަކާ ހިއްސާނުކުރުން ހިމެނެއެވެ. އަދި ޝައްކުކުރެވޭ ކަންކަން ވަގުތުން އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

މީގެއިތުރުން، އޮންލައިން މުޢާމަލާތްތައް ކުރުމުގައި ވީހާވެސް ބޮޑަށް ސަމާލުވުމަށާއި، ނޭނގޭ ފަރާތްތަކާއެކު މުޢާމަލާތް ކުރުމުގައި ވިސްނުންތެރިކަމާއެކު ހަރަކާތްތެރިވުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS