Ads by Stelco

ޚަބަރު

މުޙައްމަދު ސަލީމާއި ޢަބްދުﷲ ޙަމީދު ސްޕްރީމް ކޯޓަށް އައްޔަނުކުރުމަށް މަޖިލީހުން ފާސްކޮށްފި

މުޙައްމަދު ސަލީމާއި ޢަބްދުﷲ ޙަމީދު ސްޕްރީމް ކޯޓަށް އައްޔަނުކުރުމަށް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖޫން 2025، 11:32

11 ޖޫން 2025، 11:32

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. 

މި ދެ ބޭފުޅުންގެ ނަން ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ދެ ބޭފުޅުންގެ ނަން މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ. އެއަށްފަހު މި މައްސަލަ ދިރާސާކުރެއްވުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވުމުން، ކޮމިޓީން ވަނީ ދެ ބޭފުޅުންވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަރުތު ހަމަވާކަމަށް އިއްތިފާގުން ފާސްކޮށްފައެވެ.

މުޙައްމަދު ސަލީމާއި ޢަބްދުﷲ ޙަމީދު ސްޕްރީމް ކޯޓަށް އައްޔަނުކުރުމަށް މަޖިލީހުން ފާސްކޮށްފި

ފަނޑިޔާރު މުޙައްމަދު ސަލީމާއި ފަނޑިޔާރު ޢަބްދުﷲ ހަމީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޤާމު ހުސްވެފައިވަނީ ސުލޫކީ މައްސަލައެއްގައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ. މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުޅުވާލުމުން 12 ފަރާތަކުން ވަނީ ކުރިމަތިލައްވާފައެވެ.

ޖޭއެސްސީގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ނަންތަކުގެ ތެރެއިން މުޙައްމަދު ސަލީމަކީ މިހާރުވެސް ހައިކޯޓުގެ ފަނޑިޔާރެއްގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ޢަބްދުﷲ ހަމީދަކީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރެކެވެ.

މަޖިލީހުން މި ދެ ބޭފުޅުންގެ ނަން ފާސްކުރުމާއެކު، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވުމުގެ މަގު ތަނަވަސްވެފައެވެ. 7 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗު މި އައްޔަންކުރެއްވުމާއެކު ފުރިހަމަވެގެންދާނެއެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS