Ads by Stelco

ޚަބަރު

ޔުމްނު ވެއްޓުނު މައްސަލަ: ރައުދުގެ މައްޗަށް އެހީނުވުމުގެ ދަޢުވާ

ޔުމްނު ވެއްޓުނު މައްސަލަ: ރައުދުގެ މައްޗަށް އެހީނުވުމުގެ ދަޢުވާ

ރައުދު ހައްޔަރުކޮށްގެން ގެންދަނީ. ފޮޓޯ: ސޯޝަލް މީޑިއާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ޖޫން 2025، 11:31

10 ޖޫން 2025، 11:31

ހ. ފެންޓެނޯއީ ގޭގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި، އޭނާއާއެކު އެވަގުތު އެގޭގައި ހުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޛިލާލްގެ މައްޗަށް އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދަޢުވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިދިޔަ އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހު 4:54 އެހާކަށްހައިއިރު ހިނގި މި ހާދިސާގައި، ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައި ހުންނަ ފެން ލައިޓުން، ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނުކަން އެނގިހުރެ، ރައުދު އެހީތެރިވެދީފައި ނުވާކަމަށާއި، އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާކަމަށް ބުނެއެވެ.

ރައުދުގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 618 ވަނަ މާއްދާގެ ދަށުން ކަމަށާއި، މި ކުށުގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަސް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުންގެ ތަޙުޤީޤަށް ހޯދާފައިވާ ސީސީޓީވީ ފުޓޭޖުން ދައްކާގޮތުގައި، މި ހާދިސާ ހިނގި ވަގުތު ޔުމްނުއާއެކު ހ. ފެންޓެނޯއީ ގޭގައި އުޅެފައިވަނީ ރައުދު ކަން ކަށަވަރުވެފައިވެއެވެ. މި މައްސަލައިގައި އަނިޔާވި ޔުމްނު މިވަގުތު ވަނީ އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންގޮސްފައެވެ.

މި މައްސަލައިގައި އެއްވެސް އިދާރާއަކަށް ނުފޫޒެއް އޮތްތޯ ބެލުމަށާއި، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަންކަން ކޮށްފައިވޭތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. އެ ކޮމިޝަނުން މިހާރުދަނީ މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާންތައް ނަގައި، ކަން ހިނގާފައިވާ ގޮތް ބަލަމުންނެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS