ޚަބަރު
ޙައްޖުގެ އަޅުކަމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންފި

ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ސަޢޫދީ ޢަރަބިއްޔާއިން ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގެންނެވުން ---

ފަރުދުން
09 ޖޫން 2025، 07:42
09 ޖޫން 2025، 07:42
ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ސަޢޫދީ ޢަރަބިއްޔާއަށް ފުރާ ވަޑައިގެންނެވީ މިދިޔަ މަހުގެ 31ވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ ސަޢުދީ ސަރުކަރުގެ ހާއްސަ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ސަޢޫދީ ޢަރަބިއްޔާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވި ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރަތްކުރައްވައި، ވަކިވަކި ޙައްޖާޖީންނާ ބައްދަލު ކުރައްވައި، ޙާލު ބައްލަވާލައްވާފައެވެ.
ދިވެހި ޙައްޖާޖީންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ މިހާރު ދިވެހި ޙައްޖުވެރިންނަށް ހުރި އެކި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ރާއްޖޭން ޙައްޖަށްދާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ވެކްސިނާއި ހަދަންޖެހޭ ޓެސްޓުތައް ހިލޭ ހެދޭނެ ގޮތް ހަމަޖައްސަވާނެކަމަށް ވިދާޅުވެފައިވާއިރު ޙައްޖުގެ އަޅުކަމުގައި ސަޢުދީގައި ތިބޭއިރު ހިލޭ ބޭސް ލިބޭނެ އިންތިޒާމުތައް އެމަނިކުފާނު ވަނީ ހަމަޖައްސަވާފައެވެ.
ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު، އެމަނިކުފާނު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ މެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން، ދެ ޤައުމަށްވެސް ފައިދާކުރާނޭހެން ބަދަހިކުރެއްވުމަށް ކުރެއްވިދާނޭ ކަންތައްތަކާމެދު ޚިޔާލުބަދަލުކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުން އަދި ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގެންނެވިއެވެ.