ޚަބަރު
ރާއްޖެއިން ސައުތު އެފްރިކާއަށް ކަނޑައެޅި އައު ނޮން-ރެސިޑެންޓް ސަފީރުގެ ފަތްކޮޅު އަރުވައިފި
ރާއްޖެއިން ސައުތު އެފްރިކާއަށް ކަނޑައެޅި އައު ނޮން-ރެސިޑެންޓް ސަފީރުގެ ފަތްކޮޅު އެރުވުން. ފޮޓޯ: ޚާރިޖީ ވުޒާރާ
ދިވެހިރާއްޖެއިން ސައުތު އެފްރިކާއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު ޑރ. ހާލާ ޙަމީދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެ ޤައުމުގެ ރައީސް ސިރިލް ރަމަފޯސާއަށް އަރުވައިފިއެވެ.
އެކަމަނާ ފަތްކޮޅު އަރުއްވާފައި ވަނީ އެކަމަށް ޓަކައި މިއަދު ސައުތު އެފްރިކާގެ ޕްރިޓޯރިއާގައި ހުންނަ ސެފާކޯ މަކްގާތޯ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި ބޭއްވުނު ރައްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ސަފިރު ޑރ. ހާލާ ޙަމީދު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ރައީސް ރަމަފޯސާއަށް ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ރައީސް ރަމަފޯސާއަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށް އެދިވަޑައިގެން، ސައުތު އެފްރިކާގެ ރައްޔިތުންނަށް ފާގަތިކަމަށް ވެސް އެދިވަޑައިގެންނެވިއެވެ.
ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ދިވެހިރާއްޖެއާއި ސައުތު އެފްރިކާއާ ދެމެދު އޮތް ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ދެ ޤައުމަށް ވެސް ފައިދާހުރި ދާއިރާތަކުން ގުޅުން ހަރުދަނާކުރުމަށް ޓަކައި އެ ޤައުމުގެ ސަރުކާރާއެކު ގާތުން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން އެކަމަނާ ހާމަކުރެއްވިއެވެ.
ސައުތު އެފްރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވުމަކީ، އެފްރިކާ ބައްރުގައި ރާއްޖޭގެ ޚާރިޖީ ހަރަކާތްތަކާއި ގުޅުންތައް ފުޅާކޮށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއްކަން ޚާރިޖީ ވުޒާރާއިން ފާހަގަކުރައްވައެވެ.
މި ރަސްމިއްޔާތުގައި ހައިކޮމިޝަނަރުގެ އަރިހުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.
ހައިކޮމިޝަނަރު ޑރ. ހާލާ ޙަމީދު އެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ހުންނަވައިގެން، ސައުތު އެފްރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް، އެކްސްޓްރާ-އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ ހައިކޮމިޝަނަރުގެ ގޮތުގައެވެ.