ޚަބަރު
ރައީސްގެ ދެކަނބަލުން ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައިފި

ރައީސް ޑރ މުޢިއްޒު ސަޢުދީ އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލެއްވުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސަޖިދާ މުޙައްމަދު ޙައްޖު އަދާކުރެއްވުމަށް ސަޢުދީ އަރަބިއްޔާއަށް ކުރެއްވެވި ދަތުރުފުޅު ނިންމަވައިލައްވައިފިއެވެ.
ރައީސްގެ ދެކަނބަލުންނާއި ޖިއްދާ އެއަރޕޯޓުގައި ޖިއްދާގަވަރުނަރު، ހިޒް ހައިނަސް ޕްރިންސް ސަޢުދު ބިން އަބްދުﷲ ބިން ޖަލަވީ އަލް ސަޢުދު ވަނީ ދެކަނބަލުންނާ ބައްދަލުކުރައްވައި ވަދާޢީ ސަލާމް ދަންނަވާފައެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންނާއި ވަފުދުގެ ހުރިހާ ކަމެއް ހަމަޖައްސަވައި ދެއްވާފައިވަނީ ސަޢުދީ އަރަބިއްޔާގެ ސަރުކާރުންނެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ އިސްލާމްދީނުގެ ފަސްވަނަ ރުކުން ކަމުގައިވާ ޙައްޖުގެ އަޅުކަން ފުރިހަމަކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ މިފަދަ ދަތުރުފުޅުތަކަކީ ދެ ގައުމުގެ އެކުވެރިކަމުގެ ރަމްޒެއްކަމުގައި ފާހަގަކުރެވެއެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢުދި ޢަރަބިއްޔާއަށް ފުރާ ވަޑައިގެންނެވީ މެއިމަހުގެ 31 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ވަޒީރުން ޙައްޖަށް ވަޑައިގެންނެވީ ސައުދީ ސަރުކާރުން ދެއްވި ޚާއްސަ ދައުވަތެއްގައެވެ. އެހެންކަމުން މިދަތުރުފުޅުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވައިދެއްވާފައިވަނީ ސަޢުދީ ސަރުކާރުންނެވެ.