ޚަބަރު
މަސްވެރި ސިނާޢަތުގެ ތަރައްޤީއަށް 4.5 ބިލިޔަން ރުފިޔާގެ އިންވެސްޓްމަންޓް ލިބިއްޖެ: ވަޒީރު ޝިޔާމް

ވަޒީރު ޝިޔާމް. ފޮޓޯ: ޕީއެސްއެމް
މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް 4.5 ބިލިޔަން ރުފިޔާގެ އިންވެސްޓްމަންޓް ލިބިފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއީ މަސްވެރިކަމުގެ ސިނާޢަތަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު އިންވެސްޓްމަންޓްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ، ރާއްޖޭގައި އެކި ބާވަތުގެ މަސްވެރިކަން ކުރަމުން އަންނައިރު، އެ ދާއިރާތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މި ސަރުކާރުން ދަނީ މިހާތަނަށް އެއްވެސް ސަރުކާރަކުން ނުކުރާވަރުގެ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
މި މަސައްކަތްތައް ކުރުމަށް އަޅުގަނޑުމެންނަށް ފަންޑް ސެކިޔޮރ ކުރެވިއްޖެ. 4.5 ބިލިޔަން ރުފިޔާގެ އިންވެސްޓްމަންޓް އިރާދަކުރެއްވިއްޔާ މަސްވެރި ސިނާޢަތަށް ހެދިގެންދާނެ.
ވަޒީރު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާޢަތަށް ބޭރުގެ އިންވެސްޓަރުންގެ ސަމާލުކަން ހޯދުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި މިފްކޯގެ ހިންގުން ހަރުދަނާކުރުން ހިމެނޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، މިފްކޯއަކީ ފައިދާ ލިބޭ ކުންފުންޏަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ މި މަސައްކަތުގެ ތެރޭގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖްތައް ޤާއިމްކުރުމުގެ މަސައްކަތް ހިމެނެއެވެ. މި ދައުރު ނިމުމުގެ ކުރިން އިތުރު 15,500 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް، މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ 25,000 ޓަނަށް އިތުރުކުރުމަށް ވަނީ ރޭވިފައެވެ.