ޚަބަރު
ދައުލަތުގެ ބެލުމުގެ ދަށުގައިތިބި 75 ކުއްޖަކު މިހާތަނަށް ޢާއިލާތަކާ ޙަވާލުކުރެވިފައިވޭ

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް. ފޮޓޯ: ވުޒާރާ
ދައުލަތުގެ ބެލުމުގެ ދަށުގައިތިބި 75 ކުއްޖަކު މިހާތަނަށް ޢާއިލާތަކާ ހަވާލުކުރެވިފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަކީ މުޖްތަމަޢަށް ބޭނުންތެރި، ޒިންމާދާރު ކުދިންތަކަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި 160 އަށްވުރެ ގިނަ ކުދިން ތިބިއިރު، އެ ކުދިންނަކީ މުޖްތަމަޢަށް ޚިދުމަތްތެރި އަދި މުޖްތަމަޢު ބަލައިގަންނާނެ ބަޔަކަށް ހެދުމަށްޓަކައި އެކުދިންނަށް ބޭނުންވާ ތަމްރީނުތަކާއި ހުނަރުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، އެމްޕަވަރމަންޓް އެންޑް އެމްޕްލޯއިމަންޓްގެ ނަމުގައި ވަކި ޑިޕާޓްމަންޓެއް އުފައްދާފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޢުމުރުން 14 ވަރަކަށް އަހަރުވާއިރަށް އަޅުގަނޑުމެންނަށް އެކުދިންނަށް ކޮންކަހަލަ މަސައްކަތެއްތޯ ކުރަން ބޭނުންވަނީ، ކޮންކަހަލަ ކަމެއްތޯ ދަސްކުރަން ބޭނުންވަނީ، އެގޮތަށް އޮޅުންފިލުވައިގެން އެކުއްޖަކު ބޭނުންވާކަހަލަ ތަމްރީނުތަކެއް އަޅުގަނޑުމެންނަށް އެބަ މިހާރު ފޯރުކޮށްދެވޭ
ވަޒީރު ޢާއިޝަތު ޝިހާމް
ވަޒީރު އިތުރަށް ވިދާޅުވީ ކުދިންނަށް ތަމްރީނު ދިނުމުގައި އެކުދިންގެ ޝައުޤުވެރިކަން ހުރި ދާއިރާތަކަށް އިސްކަންދެވޭކަމަށެވެ. އެގޮތުން މިސާލަކަށް ވޯޓަރ ސްޕޯޓްސް، ޑައިވިންގް ހަދާ ހިތްވާކުއްޖެއް ކޮންމެ ސެންޓަރެއްގައި ހުރިކަމުގައިވިޔަސް އެކުއްޖަކަށް އެ ވޯޓަރ ސްޕޯޓްސް އެހެންނޫނީ ޑައިވިންގް ކިޔެވޭނެ ތަނަކަށް އެމަސައްކަތް ދަސްކޮށްދެވޭނެތަނަކަށް އެކުދީން ބަދަލުކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.