ޚަބަރު
އަމާޒަކީ ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފެދިގެންދިއުން: ވަޒީރު އާދަމް ނަޞީރު

ވަޒީރު އާދަމް ނަސީރު އިބްރާހިމް. ފޮޓޯ: ޕީއެސްއެމް
ދުނިޔޭގެ އެހެން ޤައުމުތަކުގައި އޮންނަ ފަދައިން، މިދައުރު ނިމޭއިރު ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފެދިގެން ދިއުމަކީ އަމާޒެއްކަމުގައި ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ނަސީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވެވި ޚާއްސަ ބަސްދީގަތުމެެއްގައެެވެ.
ދިވެހިންގެ ތަރިކައިގެ ދާއިރާއެއް އުފެއްދެވުމުގެ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިކަން ހާސިލްކުރުމަށް ވުޒާރާގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"ތަރިކައިގެ ދާއިރާއެކޭ މި ދެންނެވޭ ބަހުގެ މާނައަކީ ހަޤީގަތުގައި އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ސަޤާފަތްވެސް އޭގެ ސާފު މާނައިގައި ދޭހަވުން. ތަރިކައަކީ ނުވަތަ ތަރިކައަށް ނުވާ އެއްޗަކީ ކޮބައިކަން އޭގެ ސާފު މާނައިގައި ދޭހަވުން." ވަޒިރު އާދަމް ނަސީރު އިބްރާހިމް
ދިވެހި ބަހަކީ އެންމެ މުހިންމު ތަރިކަ ކަމުގައި ފާހަގަކުރްއްވައި ވަޒީރު ވިދާޅުވީ ، ކޮންމެ ރަށެއްގައިވެސް މިކަމާ ވަކާލާތުކުރާނެކަމަށާއި، މިކަމަށް ކަންބޮޑުވާ އަދި ތަރިކަތައް ހެޔޮގޮތުގައި ދަމަހައްޓަން ބޭނުންވާ ޖަމާޢަތެއް އޮތުމުގެ މުހިންމުކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ތަރިކައިގެ ދާއިރާއެއް އުފެދިގެން ދިއުމުން ލިބޭނެ ފައިދާތަކުގެ ތެރޭގައި ތަރިކައިގެ މަޢުލޫމާތުތައް އާންމުވެ، ޅަޖީލުތަކާ ހަމައަށް އެ މަޢުލޫމާތުތައް ވާސިލްވުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުހިތުން ރާއްޖޭގެ ވަރަށްމަދު އެއްޗެއް ކުތުބުޚާނާއަކީ. ގޭގޭގަވެސް ފޮތް ހަރުގަނޑު ވަރަށް ނުހުރޭ. އެހެންވީމަ އަޅުގަނޑުމެންގެ ކަންކަމާމެދު ލިޔާނެ ލިޔުންތެރީން އޭރުން ތިބޭނެ. ލިޔެވޭ ފޮތްތައް ފެންނަން ހުންނާނެ." ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.
މީގެއިތުރުން، ތަރިކައިގެ ދާއިރާއެއް އުފެދުމުން ގެސްޓްހައުސްތަކާއި، ރެސްޓޯރަންޓްތަކާއި، މަގުތައް ފަރުމާކުރުމުގައިވެސް ދިވެހީންގެ ސިފަތައް ފެންނަމުންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހީންގެ މިނިވަންކަމަށް މަސައްކަތްކުރާނީ ދިވެހީންކަން ފާހަގަކުރައްވައި، ދިވެހީންގެ އަމިއްލަވަންތަކަން ދަމަހައްޓަން ކޮންމެ މީހަކުވެސް މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައިވެއެވެ.