Ads by Stelco

ޚަބަރު

ރިމާންޑު ސެންޓަރުތަކުގައި 200 އަށްވުރެ ގިނަ މީހުންގެ ފަރުވާ ފަށައިފި

ރިމާންޑު ސެންޓަރުތަކުގައި 200 އަށްވުރެ ގިނަ މީހުންގެ ފަރުވާ ފަށައިފި

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބުނާ ޒާހިރު ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖޫން 2025، 03:44

08 ޖޫން 2025، 03:44

ރާއްޖޭގެ ރިމާންޑު ސެންޓަރުތަކަށް މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ނަގައި، އެ މީހުންގެ ފަރުވާ މިހާރު ފަށާފައިވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ލުބުނާ ވިދާޅުވީ، ރިމާންޑަށް ގެނެވޭ ގިނަ މީހުން ޑްރަގް ކޯޓު މެދުވެރިކޮށް ރިހެބިލިޓޭޝަން ޓްރީޓްމަންޓް ޕްލޭންގެ ތެރެއަށް ވައްދާފައިވާ ކަމަށެވެ. މިގޮތުން މިހާތަނަށް ރިމާންޑް ސެންޓަރުތަކުގައި ގާތްގަނޑަކަށް 178 މީހުން ފަރުވާ ހޯދަމުންދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

ލުބުނާ އިތުރަށް ވިދާޅުވީ، އާންމުކޮށް ރިމާންޑަށް ނަގަނީ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކޮށްގެން އުޅޭ މީހުން ކަމަށެވެ. އަދި ކުޑަކުދިން އުޅޭ ގޭގޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އާއިލާތަކުން ރިޕޯޓުކުރާނަމަ، އެ މީހުންވެސް ރިމާންޑަށް ނެގުމުގެ މަސައްކަތްކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފަރުވާގެ ނިޒާމް ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި، ހިންމަފުށި ރިހެބްގައި ހުންނަ ޑިޓޮކްސިފިކޭޝަން ސެންޓަރު ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި މަސައްކަތް ނިމުމުން އެއްފަހަރާ 50 މީހުންނަށް ފަރުވާދެވޭނެ ކަމަށް ލުބުނާ ވިދާޅުވިއެވެ. މީގެ އިތުރުން، ހުޅުމާލޭގައި 100 މީހުންނަށް ފަރުވާދެވޭނެ ރިމާންޑް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

އަދި ކުރިން ރާއްޖޭގައި 7 ވައްތަރެއްގެ މަސްތުވާތަކެތި ޓެސްޓުކުރެވުނު ނަމަވެސް، މިހާރު 22 ބާވަތެއްގެ މަސްތުވާތަކެތި ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށްވެސް ލުބުނާ ވިދާޅުވިއެވެ.

ރިމާންޑް ސެންޓަރުތަކަކީ މަސްތުވާތަކެތީގެ ކުށުގެ ތުހުމަތުކުރެވޭ މީހުން ޝަރީޢަތަށް ބަންދުގައި ބަހައްޓާއިރު ބައިތިއްބާ ފެސިލިޓީއެކެވެ. މި ތަންތަނުގައި ބަންދުގެ މުއްދަތުގައި އެ މީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދެވެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS