ޚަބަރު
ބޭރުގެ އިންވެސްޓަރުންނަށް މެރިކަލްޗަރގެ ދޮރު ހުޅުވާލަނީ

މެރިކަލްޗަރ ޓްރެއިނިންގ އެއް ކުރިއަށްދަނީ. ފޮޓޯ: ވުޒާރާ
ރާއްޖޭގެ މެރިކަލްޗަރ ސިނާޢަތަށް އިންވެސްޓްކުރުމުގެ ފުރުސަތު އަންނަ މަހުގެ ފަހުކޮޅު ހުޅުވާލާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި، ބޭރުގެ އިންވެސްޓަރުންނަށް ޚާއްސަކޮށްގެން ތިން މަސްދުވަހުގެ މުއްދަތެއް ދޭން ވަނީ ނިންމާފައެވެ. މި މުއްދަތުގައި ރާއްޖެއަށް ރަނގަޅު އިންވެސްޓްމަންޓްތައް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއީ ސަރުކާރުން ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރަން ބޭނުންވާ ދާއިރާއެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޝިޔާމް ހާމަކުރެއްވި ގޮތުގައި، ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖެއިން ދެމުންދަނީ މާ ރަނގަޅު ލުއިތަކެކެވެ. އިންވެސްޓަރުންނަށް ދެވޭ ލުއިތަކުގެ ތެރޭގައި އިކުއިޒިޝަން ކޮސްޓް ނުނެގުމާއި، ތިން އަހަރު ދުވަހުގެ ލޭންޑް ރެންޓް ނުނެގުން ހިމެނެއެވެ. މީގެ ސަބަބުން އިންވެސްޓްމަންޓް ކުރަން ޖެހޭ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މެރިކަލްޗަރ ކުރުމަށް ބޭރުގެ އިންވެސްޓަރުންނަށް ވަކި ސަރަހައްދުތަކެއް ވަނީ ކަނޑައަޅާފައެވެ. އަދި މެރިކަލްޗަރ ޒޯންތަކުގެ ގައިޑްލައިންތަކާއި ގަވާއިދުތައްވެސް މިހާރު ވަނީ ގެޒެޓްކޮށްފައެވެ.
ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި، ރާއްޖޭގައި މިހާރު މެރިކަލްޗަރ ސިނާޢަތް އޮތީ ވަރަށް ޅަފަތުގައެވެ. ނަމަވެސް މި ސިނާޢަތް ފުޅާކޮށް، ރާއްޖެއަށް ސީފުޑްގެ ބާވަތްތައް އިމްޕޯޓްކުރާ މިންވަރު މަދުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.