Ads by Stelco

ޚަބަރު

އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ހުރިހާ އަތޮޅެއްގައި ޑައިލިސިސް ކުރެވޭނެ: ވަޒީރު ނާޡިމް

އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ހުރިހާ އަތޮޅެއްގައި ޑައިލިސިސް ކުރެވޭނެ: ވަޒީރު ނާޡިމް

ޞިއްޙީ ވަޒީރު ނާޡިމް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ޖޫން 2025، 01:48

07 ޖޫން 2025، 01:48

މި އަހަރުގެ ސެޕްޓެމްބަރުމަހާ ހަމައަށް ދާންވާއިރަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ޑައިލިސިސް ސެންޓަރު ތަރައްޤީކޮށް ޚިދުމަތް ދޭން ފަށާނެކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން އަތޮޅުތަކަށް ޑައިލިސިސްގެ ޚިދުމަތް ފުޅާކުރެއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.

މަދު އަތޮޅެއް ފިޔަވާ ހުރިހާ އަތޮޅެއްގައިވެސް މިހާރު މި ޚިދުމަތް ވާނީ ފަށާފައި. ވޯލްޑް ހެލްތް ޑޭ ފަންކްޝަންގައި ރައީސް ވާނީ 4 ރަށެއްގައި ރަސްމީކޮށް މި ޚިދުމަތް ފަށާފައި.

ވަޒީރު ވިދާޅުވިއެވެ.

އެންމެ ފަހުން ޑައިލިސިސްގެ ޚިދުމަތް ފަށާފައިވަނީ ނ. ވެލިދޫ ޞިއްޙީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް އަދި ގއ. އަތޮޅު ހޮސްޕިޓަލުގައެވެ.

 އަދި މި އަހަރުގެ ފެބުރުއަރީ މަހު ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި މި ޚިދުމަތް ފަށާފައިވާއިރު، 2024 ވަނަ އަހަރު ށ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ވަނީ ފަށާފައެވެ.

މިހާރު ރާއްޖޭގައި ޑައިލިސިސްގެ ޚިދުމަތް ނުފެށިވަނީ އއ، އދ، ވ، މ، ފ އަދި ދ އަތޮޅުގައެވެ. ވަޒީރުގެ ވާހަކަފުޅުގައި، ވަކި އަދަދަކަށްވުރެ ޑައިލިސިސް ޕޭޝަންޓުން ގިނަ ރަށްތައް ދެނެގަނެ، އެ ރަށްތަކަށް އަމާޒުކޮށްގެން މި ޚިދުމަތް އިތުރަށް ފުޅާކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޑައިލިސިސްގެ ޚިދުމަތަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީ ފަންކްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކު 2 ނުވަތަ 3 ދުވަހު، ދުވާލަކު 4 ގަޑިއިރު ހޭދަކޮށްގެން ހަށިގަނޑުގައި ލޭ ސާފުކުރުމަށް ހޯދަންޖެހޭ ޚިދުމަތެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS