ޚަބަރު
އިޒްރާއީލް ޕާސްޕޯޓު މަނާކުރި ނިންމުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަތް: ޚާރިޖީ ވަޒީރު ޚަލީލް

ވަޒީރު ޚަލީލް. ފޮޓޯ: ރައީސް އޮފީސް
އިޒްރާއީލް ޕާސްޕޯޓު މަނާކުރުމުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑު ގާތްގަނޑަކަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން އެއްކޮށްހެން ބަލައިގަނެފައިވާ ކަމަށާއި، އެކަމުގެ އެއްވެސް ނުރަނގަޅު އަސަރެއް ނުކުރާ ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައި އިޒްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަން ޤާނޫނަށް އިސްލާހު ގެނެސް މިދިޔަ އޭޕްރީލް 15 ގައި ތަސްދީޤު ކުރެވުނެވެ. މި ބަދަލަކީ ރައްޔިތުން އެދެމުން ދިޔަ ބަދަލެއްކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.
މިއީ ރާއްޖެ ކަހަލަ ކުޑަ ޤައުމަކުން މީގެ ކުރިން ކޮށްފައި އޮތް ކަމެއް ނޫން. ބޮޑެތި އިޤްތިޞާދީ ގޮތުން ވަރުގަދަ ޤައުމުތަކުން އެބަހުރި މިކަހަލަ ކަންކަން ކޮށްފައި.
ވަޒީރު ޚަލީލް ވިދާޅުވިއެވެ.
އަދި މިކަމުން ދައްކުވައިދެނީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި ރައީސުލްޖުމްހޫރިއްޔާގެ އަޒުމްގެ ވަރުގަދަކަން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި ފަލަސްޠީނު ރައްޔިތުންނާއި ދިވެހިންގެ ދެމެދުގައި އޮތީ ވަރަށް އަޚުވަންތަ ގުޅުމެކެވެ. އެހެންކަމުން މިމައްސަލައަކީ ދިވެހިންގެ ހިތްތަކާއި ގުޅިފައިވާ މައްސަލައަކަށްވުމުން، ޚާރިޖީ މަޝްވަރާތަކުގައި ވެސް އިސްކަމެއް ދެވުނީ ދިވެހިންގެ މަސްލަހަތަށެވެ.
ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ މަސްލަހަތަކީ ޚާރިޖީ ސިޔާސަތުގެ އެންމެ އިސްކަމެއް ދޭ ކަންތައް ކަމަށް ބަލައިގެން ގާތްގަނޑަކަށް އަޅުގަނޑުމެން މަޝްވަރާކުރި ހުރިހާ ޤައުމަކުންވެސް އަޅުގަނޑުމެންގެ ސްޓޭންޑް ޤަބޫލުކުރި.
ވަޒީރު ވިދާޅުވިއެވެ.
އަދި ފަތުރުވެރިކަމަށް އަސަރުކުރާނެކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެފަދަ އަސަރެއް ނުކުރާކަންވެސް ފާހަގަކުރެއްވިއެވެ.
ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ގޮވާލައްވާފައެވެ.