ދީން / ދުނިޔެ / ޚަބަރު
އިމާންތެރިކަމުގެ ސަބަަބުން އިންސާނާގެ ރައްކާތެރިކަމާއި ދުނިޔެއާއި އާޚިރަތުގައިވެސް ހެޔޮކަން ލިބިގެންދާނެ:ޙައްޖު ޚުތުބާ

ޚައްޖުގެ ބައިވެރިން މައްކާގައި
މިއަދު ނަމިރާ މިސްކިތުގައި ދެވުނު ޙައްޖު ޚުތުބާގައި، އިމާންތެރިކަމުގެ ސަބަބުން އިންސާނާއަށް ދުނިޔެއާއި އާޚިރަތުގައިވެސް ރައްކާތެރިކަމާއި ހެޔޮކަން ލިބިގެންދާނެކަމަށް ވިދާޅުވެއްޖެއެވެ. މި ޚުތުބާ ދެއްވީ މަސްޖިދުލް ޙަރާމުގެ އިމާމު ޝައިޚް ޑރ. ސާލިޙް ބިން ޙުމައިދެވެ.
ޝައިޚް ސާލިޙް ދެއްވި ޚުތުބާގައި އިސްލާމްދީނުގެ އަސާސީ ތިން ބައިކަމުގައިވާ އީމާންކަމާއި، އިޙްސާންކަމާއި، އިސްލާމްކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އޭގެ އިތުރުން، އިމާންކަމާއި އިސްލާމްކަމުގެ ރުކުންތަކުގެ މުހިންމުކަން ފާހަގަކުރައްވައި، އިމާންކަމުގެ މަތިވެރިކަމާއި ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ބަޔާންކުރެއްވިއެވެ.
ޚުތުބާގައި މައިންބަފައިންނަށް ކަމޭހިތުމާއި، ތެދުބަހުން ވާހަކަދެއްކުމާއި، އަހުދަށް ވަފާތެރިވުމާއި، އަޚްލާޤީ ރީތި ސިފަތައް އަށަގެންނެވުމަށް އިރުޝާދު ދެއްވިއެވެ. އަދި ދިމާވާ މުސީބާތްތަކަށް ކެތްތެރިވުމަށާއި، ލިބޭ ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް ނަސޭހަތްތެރިވިއެވެ. ފާފައެއް ކުރެވިއްޖެނަމަ އެކަމާ ހިތާމަކޮށް ތައުބާވުމަށްވެސް ގޮވާލެއްވިއެވެ.
ޝައިޚް ސާލިޙް އިސްލާމީ އުންމަތަށް ތަޤުވާވެރިކަމުގެ މުހިންމުކަން ހަނދާންކޮށްދެއްވައި، އިމާންތެރިކަން އިސްކުރުމުން ބޭއިންސާފާއި ޝިރުކުން ސަލާމަތްވެ، ﷲގެ ރައްކާތެރިކަން ލިބޭނެކަން ފާހަގަކުރެއްވިއެވެ. ފަރުޟު ނަމާދުތަކަށް ފަރުވާތެރިވުމާއި ދީނުގެ އެހެން ރުކުންތައް އަދާކުރުމަށް ގޮވާލައްވައި، ޒަކާތުގެ މުހިންމުކަން ޚާއްޞަކޮށް ފާހަގަކުރެއްވިއެވެ.
ޙައްޖުގެ އަޅުކަމަކީ އާޚިރަތް ދުވަސް ހަނދާންކޮށްދޭ އަޅުކަމެއްކަން ފާހަގަކުރައްވައި، މި ފުރުޞަތު ހެޔޮގޮތުގައި ބޭނުންކުރުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙައްޖުގެ އަޅުކަން އަދާކުރެއްވިގޮތް ބަޔާންކުރެއްވިއެވެ.
ޚުތުބާ ނިންމަވާލެއްވީ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާ ގުޅިގެން އެ ޤައުމުގެ ހާލަތަށް ދުޢާކުރުމަށް ގޮވާލައްވައެވެ. އަދި ޙައްޖުގެ މަނާސިކުތައް އަދާކުރުމުގައި ސަޢުދީ ސަރުކާރުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.