Ads by Stelco

ޚަބަރު

އުނގޫފާރު މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެ

އުނގޫފާރު މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެ

އުނގޫފާރުގައި ތަރައްޤިކޮށްފައިވާ މަގެއް- ފޮޓޯ: އެމްޓީސީސީ

05 ޖޫން 2025، 02:06

އާބާދީގައި 2500އެއްހާ މީހުން ދިރިއުޅޭ ރ އުނގޫފާރުގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެއެވެ.

އުނގޫފާރު މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މޯލްޑިވްސް ކޮންޓްރެކްޓިނގް ކޮމްޕެނީ އެމްޓީސީސީންނެވެ. އެމްޓީސީސީން ވިދާޅުވީ، އުނގޫފާރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު، ހޫނުގަދަ މޫސުމުގައި މަގުތައް ހިރަފުސްވުމުންނާއި، ވިއްސާރަ ދުވަސްވަރު މަގުތައް ޗަކަވެ މަގުތަކުގައި ކިސަޑު ހެދުން ނިމުމަކަށް އަންނާނެކަމަށެވެ. އަދި މަގުގައި ހިނގާ މީހުންނަށާއި ދުއްވާ އުޅަނދުތަކަށް މަގު ބޭނުން ކުރަން އިތުރަށް ފަސޭހަވެ، ދުއްވާ މަގުތަކަކީ އަޑިގުޑަން ނުހުންނަ ރައްކާތެރި މަގުތަކަކަށް ވެގެން ދާނެކަމަށާއި، ރަށުގެ މަގުތައް ސާފުތާހިރުކޮށް ބޭއްވުމަށްވެސް ބޮޑު ފަސޭހައެއް ވެގެންދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މި މަޝްރޫއުގެ ދަށުން 8,626.55 އަކަ މީޓަރުގެ ތާރު އަޅާފައިވާ ދުއްވާ ސަރަޙައްދެއް ތަރައްޤީކޮށްފައިވެއެވެ. އަދި 2,537.75 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން ސަރވިސް ލައިން ހަރުކޮށްފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. ހަމަ އެހެންމެ، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ހިމެނެއެވެ. 

މި މަޝްރޫޢު ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 04 ވަނަ ދުވަހުއެވެ. މި މަޝްރޫއަކީ ޖުމްލަ 20.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެއްކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS