ޚަބަރު
ދުޢާއަކީ ކޮންމެ ރައްޔިތެއްވެސް اللهގެ އޯގާވަންތަކަމުގައި ލެހެއްޓެވުން: ރައީސުލްޖުމްހޫރިއްޔާ

ޙައްޖުގެ އަޅުކަމަށް ދިޔަ މީހަކާ ރައީސުލްޖުމްހޫރިއްޔާ ސަލާމް ކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ފަރުދުން
05 ޖޫން 2025، 11:25
05 ޖޫން 2025، 11:25
ދުޢާއަކީ ދިވެހިރާއްޖެއާއި ދިވެހި ކޮންމެ ރައްޔިތަކަށް ﷲގެ އޯގާވަންތަކަމާއި، ރަޙްމަތާއި، ނިޢުމަތް ގިނަގުނަ ކޮށްދެއްވައި، އަމާންކަމާއި، ދުޅަހެޔޮކަމާއި، ވިޔަވަތިކަން ތާއަބަދުމެ ދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
1446 ވަނަ އަހަރުގެ ޙައްޖު ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވި ވީޑިއޯ މެސެޖް pic.twitter.com/x5JKWHQBmz
— The President's Office (@presidencymv) June 5, 2025
މި އަހަރުގެ ބަރަކާތްތެރި ޢަރަފާތު ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އެކްސް އެކައުންޓުގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ކޮންމެ ޙައްޖުވެރިއަކަށް މަބްރޫރު ޙައްޖެއް މިންވަރު ކުރައްވައި، ކޮންމެ މުސްލިމެއްގެ ދުޢާ އިޖާބަ ކުރެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ދުޢާ ދަންނަވާފައިވެއެވެ.
އެ މަނިކުފާނުގެ ދުޢާގައި އަޅަމެންގެ ހެޔޮ ޢަމަލުތައް ޤަބޫލު ކުރައްވައި، ދުނިޔެއާއި އާޚިރަތުގައި، ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް އެދިވަޑައިގެން ވެސް ދުޢާ ދަންނަވާފައިވެއެވެ.
ކޮންމެ ޙައްޖުވެރިއަކަށް މަބްރޫރު ޙައްޖެއް މިންވަރު ކުރައްވާށި. ކޮންމެ މުސްލިމެއްގެ ދުޢާ އިޖާބަ ކުރައްވާށި. އަޅަމެންގެ ހެޔޮ ޢަމަލުތައް ޤަބޫލު ކުރައްވާށި. ދުނިޔެއާއި އާޚިރަތުގައިމެ، ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލަހައްޓަވާށި.
— Dr Mohamed Muizzu (@MMuizzu) June 5, 2025
ދިވެހިރާއްޖެއާއި ދިވެހި ކޮންމެ ރައްޔިތަކަށް ﷲގެ… pic.twitter.com/aKxHc5guW1
ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު މިވަގުތު ތިއްބެވީ 1446ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއި، އެ ވަފުދުގެ ބައެއް ބޭފުޅުންގެ އަނބިއަނބިކަނބަލުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ އެންމެހައި ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނެވެ.