Ads by Stelco

ޚަބަރު

ތިމާވެށި ހިމާޔަތް ކުރުމަށް ދިވެހިން ދޭ އިސްކަމަކީ ޤައުމީ ޒިންމާއެއް: ރައީސުލްޖުމްހޫރިއްޔާ

ތިމާވެށި ހިމާޔަތް ކުރުމަށް ދިވެހިން ދޭ އިސްކަމަކީ ޤައުމީ ޒިންމާއެއް: ރައީސުލްޖުމްހޫރިއްޔާ

އަންގުސާނާ ރިޒޯޓުގެ ފަރު، ފޮޓޯ: ދަ އެރައިބަލް

farudhun logo

ފަރުދުން

05 ޖޫން 2025، 10:37

05 ޖޫން 2025، 10:37

މިއަދުގެ ފާގަތިކަމާއި، މާދަމާގެ ތިޔާގިކަމާއި އުފާވެރިކަމަށްޓަކައި، ތިމާވެށި ޙިމާޔަތް ކުރުމަށް ދިވެހީން އިސްކަންދިނުމަކީ ޤައުމީ ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކޮށް ފޮނުއްވި މެސެޖުގައެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ޙިއްސާކުރެއްވި މި މެސެޖުގައި ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަށް މުޅި ދުނިޔެ ޝައުގުވެރި ވަނީ، ދެވަނައެއް ނެތް ޗާލު މާޙައުލެއް އޮތުމުން ކަމަށެވެ. އަދި ދިވެހީންނަށް އާމުދަނީ ލިބޭ މައިގަނޑު މަސައްކަތްތައް ބަރޯސާ ވަނީ ކަނޑުތަކުގެ ދިރުމާ، ރަށްތަކުގެ ރީތިކަމަށް ކަމުގައި އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.



ތިމާވެށީގެ ދުވަހާ ގުޅިގެން މި އަހަރު ކަނޑައަޅާފައިވާ ޝިއާރަކީ  'ބީޓް ޕްލާސްޓިކް ޕޮލިއުޝަން' އެވެ. މީގެ މަޤުސަދަކީ  ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓާއި އިންސާނުންގެ ސިއްހަތަށް ލިބޭ ގެއްލުމަށް އަލިއަޅުވާލައި، އެކަމާއި ދެކޮޅަށް މަސައްކަތް ކުރުމެވެ.

އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު އިނތިހާއަށް އިތުރުވެގެން ގޮސްފައިވާއިރު، ޕްލާސްޓިކަކީ އޭގެ ޒާތުގައި ތިމާވެއްޓާއި، ދިރޭތަކެތީގެ ނަސްލުތަކާއި، އިންސާނުންގެ ޞިއްޙަތަށް ނުހަނު ގެއްލުންދޭ އެއްޗެކެވެ.

މިގޮތުން ދުނިޔޭގައި އަހަރަކު ހަތަރު ސަތޭކަ މިލިއަން ޓަނަށް ވުރެ ގިނަ ޕްލާސްޓިކުގެ ބާވަތްތައް އުފައްދައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 19-23 މިލިއަން ޓަނުގެ ޕްލާސްޓިކު ދުނިޔޭގެ ކަނޑުތަކާއި، ކޯރުތަކަށް އުކާލެވި، މީގެ ސަބަބުން އެ މާޙައުލުތައް، ތަޣައްޔަރު ކުރަމުންދާ ކަމުގައި، ކަމުގެ މާހިރުން ދަނީ ފާހަގަކުރަމުންނެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރާއިރު، މިއީ އެތައް ގޮތަކުން ތިމާވެއްޓާ ބެހޭ ގިނަ ކަންކަމަށް އަޅުގަނޑުމެން ސަމާލުކަންދީ ވިސްނާލުމަށް ލިބޭ ފުރުސަތެކެވެ. އެގޮތުން ރާއްޖެއަކީ ތިމާވެއްޓަށް ކުރާ އަސަރުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރާ އެއް ޤައުމަށްކަމަށް ވުމުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖެއަށެވެ. އެހެންކަމުން، މޫސުމީ ބަދަލުތަކުން އަރައިގަނެ ތިމާވެށި ރައްކާތެރި ކުރުމަށްޓަކައި ވަކާލާތު ކުރުމުގައި ބައިނަލްއަގުވާމީ މަޝްރަހުގައިވެސް ރާއްޖޭން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި 5 މިލިއަން ގަސް ޕްރޮގްރާމަކީ ވެސް، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ ބޮޑު މަސައްކަތެކެވެ. މި ޕްރޮގްރާމުގެ ދަށުން މިދިޔަ މަހުގެ ނިޔަލަށް 5 ލައްކައަށްވުރެ ގަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ އިންދާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS