Ads by Stelco

ޚަބަރު

ކުޑަހުވަދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

ކުޑަހުވަދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

ދ. ކުޑަހުވަދޫގެ ބަނދަރުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ

04 ޖޫން 2025، 09:29

ދ. ކުޑަހުވަދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ.

ކުޑަހުވަދޫ ބަނދަރު ހެނދުމަށް ބޭނުންވާ ކޮންކްރިޓު ބްލޮކުތައް މިދިޔަ މަހު 26 ވަނަ ދުވަހު އެ ރަށަށް ގެންގޮސްފައިވާއިރު، މިއީ ޒަމާނީ ފެންވަރަށް ކުޑަހުވާދޫގައި ޤާއިމްކުރެވިގެން ދާނެ ފުރިހަމަ ބަނދަރެކެވެ.

މި މަޝްރޫޢުގައި، 103,122 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، 5,545 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 180 މީޓަރުގެ ބޭރުތޮއްޓެއް ލުން ހިމެނެއެވެ. އަދި 372 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 115 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މީގެ އިތުރުން 70 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 90 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 2,265 އަކަ މީޓަރުގެ ޕޭވްމެންޓެއް ހެދުމާއި، ބަނދަރު ބައްތި އާއި މޫރިންގް ބޯއީސް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރެއިން ކުރިޔަށް ދާނެއެވެ.

މި މަޝްރޫޢަކީ 83.3 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. 

ކުޑަހުވަދޫއަކީ މަސްވެރި ރަށެއްގެ އިތުރުން ބޭސްފަރުވާ އާއި އެނޫންވެސް ބޭނުންތަކަށް ގިނަ އަދަދެއްގެ ބަޔަކު ދާ ރަށެކެވެ.  އެހެންކަމުން އެ ރަށުގެ ބަނދަރަކީ ގިނަ އަދަދަކަށް ކަންނެލި އޮޑި ފަހަރުތަކާއި ލޯންޗު އަދި ޑިންގީތައް އަޅާ ބަނދަރެކެވެ. ނަމަވެސް މިހާރު އެ ރަށުގައި ބޭނުން ކުރާ ބަނދަރުގެ ޖާގައިގެ ދަތިކަން ބޮޑުކަމުން،  ބަދަރު ތަރައްޤީ ކުރުމަކީ މުޅި ރަށުގެ ތަރައްޤީއަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS