Ads by Stelco

ޚަބަރު

އަޟްހާ ޢީދު ވުޒާރާތަކާއި މުއައްސަސާތައް އަދި ކުންފުނިތައް ގުޅިގެން ގައުމީ ފެންވަރުގައި ފާހަގަކުރަން ނިންމައިފި

އަޟްހާ ޢީދު ވުޒާރާތަކާއި މުއައްސަސާތައް އަދި ކުންފުނިތައް ގުޅިގެން  ގައުމީ ފެންވަރުގައި ފާހަގަކުރަން ނިންމައިފި

މާލޭގައި ޢީދު ފާހަގަުރުމަށް ބޭއްވި ހަރަކާތެއްގެތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޖޫން 2025، 06:09

04 ޖޫން 2025، 06:09

އަޟްހާ ޢީދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރާއި ދައުލަތުގެ އެކި އިދާރާތަކާއި މުއައްސަސާތައް އަދި ކުންފުނިތައް ގުޅިގެން "ޢީދުހަވީރު 1446" ގައުމީ ފެންވަރުގައި ގްރޭޓަރ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު، އެންމެހާ ދިވެހިން ޢީދުގެ އުފާ ފާޅުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، މާލެއާއި ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި މި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތައް ކުރިއަށްދާނީ އަންނަ ހުކުރު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް، ހަވީރު 4 އިން 6 އަށެވެ. އަދި ބައެއް ސްޓޯލްތައް ރޭގަނޑު 8:30 އިން ފެށިގެން ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ހަރަކާތްތައް އޮންނާނީ މާލޭގައި ސުލްޓާން ޕާކާއި ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި ހުޅުމާލެ ފޭސް 2 ގެ ހިޔާ ޕާކް ސަރަހައްދުގައެވެ. މި ހަރަކާތްތަކުގައި ރާއްޖޭގެ އިހުގެ ސަޤާފަތާއި ކުޅިވަރުތަކުގެ އިތުރުން ޒަމާނީ ކެރެކްޓަރުތައް ފިއުޝަން ގޮތަށް ދައްކާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުގައި ތަފާތު ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ހިމެނޭނެއެވެ. މި ސްޓޯލްތައް ތައްޔާރުކުރެވިފައި ހުންނާނީ އެކި ތީމްތަކަށް، ތަފާތު ތަޖުރިބާތައް ކުރެވޭނެހެން، ޚާއްޞަކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެންނެވެ.

ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ. މީގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ އުޅަނދުތައް ދައްކާލުމާއި، އެ ތަކެއްޗާއެކު ފޮޓޯނެގުމުގެ ފުރުޞަތު ދިނުމުގެ އިތުރުން ބޭންޑުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައްވެސް ކުރިއަށްގެންދެވޭނެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS