Ads by Stelco

ޚަބަރު

އަަވައްޓެރި ޤައުމުތަކުގައި ޗިކުންގުންޔާ އެބަ ފެތުރޭ، ބަންދުގައި ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވޭ: އެޗްޕީއޭ

އަަވައްޓެރި ޤައުމުތަކުގައި ޗިކުންގުންޔާ އެބަ ފެތުރޭ، ބަންދުގައި ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވޭ: އެޗްޕީއޭ

ޗިކުންގުންޔާ ފެތުރެނީ މަދިރީގެ ސަބަބުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޖޫން 2025، 04:42

04 ޖޫން 2025، 04:42

އަވަށްޓެރި ބައެއް ޤައުމުތަކުގައި ޗިކުންގުންޔާ ދަނީ ހަލުވިކަމާއެކު ފެތުރެމުން ދާކަމަށާއި މި ބަންދުގައި ދަތުރު ކުރައްވާ ފަރާތްތަކުން މަދިރި ހެފުމުން ރައްކާތެރިވުމަށް ސަމާލުކަންދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

ޗިކުންގުންޔާގެ އަލާމާތްތައް
ޗިކުންގުންޔާގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް މަތީ ހުން އައުމާއި، ގައިގައި ރަތްކުލައިގެ ބިހި ނެގުމާއި، ބޮލުގައި ރިއްސުން ހިމެނެއެވެ. މީގެ އިތުރުން ހޮޑުލުމާއި، ވަރުބަލިކަން އިހުސާސްވުން ފަދަ އަލާމާތްތައްވެސް ފެނިދާނެއެވެ

އެޗްޕީއޭއިން ފާހަގަކުރި ގޮތުގައި އީޑިސް މަދިރި އާންމުކޮށް ހަފަނީ ދުވާލު ގަޑީގައި ކަމަށްވާއިރު، ހުރިހާ ވައްތަރެއްގެ މަދިރިވެސް އެންމެ ގިނައިން ފެންނަނީ ހެނދުނާއި ހަވީރު ގަޑީގައެވެ. އެހެންކަމުން މި ގަޑިތަކުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

މަދިރިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް

މަދިރިން ރައްކާތެރިވުމަށް އެޗްޕީއޭއިން ދީފައިވާ އިރުޝާދުތަކުގެ ތެރޭގައި މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމާއި، ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުމާއި، ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ހެދުން ލުން ހިމެނެއެވެ. އަދި މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން އަދި ސްޕްރޭ ބޭނުންކުރުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

މަދިރި އާލާވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް

މަދިރި އާލާވިޔަ ނުދިނުމަށްޓަކައި މަދިރި ފަނި ނައްތާލުމަށް ބީ.ޓީ.އައި ނުވަތަ ޓެމިފޯސް ބޭނުންކުރުމަށާއި، ދައުރުނުވާ ގޮތަށް ހުންނަ ބޮޑެތި ފެންގަނޑުތަކަށް މަދިރި ފަނި ކާ ކުދި މަސް ލުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ސާފު ފެން ހަރުލާ ކޮންމެ ތަނެއްގައި އީޑިސް މަދިރި ބިސް އަޅާ އާލާވާކަން ފާހަގަކޮށް، މިފަދަ ތަންތަން ރަނގަޅަށް ސާފުކުރުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

އާންމު ތަންތަނާއި މަގުމަތީގައި އަދި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ފެން ހަރުލާ ގޮތަށް ހުންނަ ތަކެތި ފެން ހަރުނުލާނެހެން ބަހައްޓައި، މިފަދަ ތަންތަން މޮނިޓަރކޮށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS