ޚަބަރު
މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ޤައިދީންގެ ފުޓްސަލް މުބާރާތެއް ބާއްވައިފި

"އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް" ފޮޓޯ: ޕީއެސްއެމް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީންނަށް ޚާއްސަކޮށްގެން ފުރަތަމަ ފަހަރަށް ފުޓްސަލް މުބާރާތެއް ބާއްވައިފިއެވެ. "އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް" ގެ ނަމުގައި ބޭއްވުނު މި މުބާރާތަކީ ޤައިދީން ދުޅަހެޔޮ ސިއްޙަތެއްގައި ބޭއްތިއްބުމަށާއި، ކުޅިވަރުގެ ތެރެއިން ޤައިދީން ރިހެބިލިޓޭޓްކުރުމަށް ރާވައިގެން ހިންގާ ޕްރޮގްރާމްތަކާ ގުޅުވައިގެން ބޭއްވުނު މުބާރާތެއް ކަމަށް ކަރެކްޝަންސްއިން މަޢުލޫމާތު ދެއްވިއެވެ.
ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި މުބާރާތުގެ ފައިނަލް މެޗަށްފަހު، ފެއަރ ޕްލޭ ޓީމަށް ހޮވުނު ޓީމާއެކު ދައުލަތުގެ ވަޒީރުންނާއި އިސްބޭފުޅުން ހިމެނޭގޮތަށް ފޯރިގަދަ މެޗެއް ކުޅެވުނެވެ. މިއީ ރާއްޖޭގައި މިފަދަ ކަމެއް ކުރެވުނު ފުރަތަމަ ފަހަރެވެ.
މި އެކުވެރިކަމުގެ މެޗުގައި ބައިވެރިވި އިސްބޭފުޅުންގެ ތެރޭގައި ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން، އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އަދި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް ހިމެނެއެވެ. މީގެ އި. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްބޭފުޅުންނާއި، ކަސްޓަމްސް، އިމިގްރޭޝަން އަދި ޕޮލިސް ސަރވިސްގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ބެލުމަށް ޤައިދީންގެ އާއިލާތަކުންވެސް ވަނީ ޒިޔާރަތްކޮށްފައެވެ. ކަރެކްޝަންސްއިން ވިދާޅުވިގޮތުގައި މި މުބާރާތަކީ ޤައިދީންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި އެފަދަ ކަންކަން އިތުރަށް ފުޅާކޮށްދިނުމަށް ޤައިދީން އެދިފައިވެއެވެ. އަދި މިއީ ޤައިދީން ރަނގަޅުވެ މުޖުތަމައަށް ނުކުތުމަށް ހިތްވަރުދޭ ހަރަކާތެއް ކަމަށްވެސް ޤައިދީން ފާހަގަކުރާ ކަމަށް ކަރެކްޝަންސްއިން ވިދާޅުވިއެވެ.