ޚަބަރު
ވިލިމާލޭގައި އަޅާ 112 އެނދުގެ ހޮސްޕިޓަލުގެ ޑިޒައިން މަސައްކަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ފޮޓޯ: ވުޒާރާ
ވިލިމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 112 އެނދުގެ ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި މިއަދު ސޮއިކޮށްފިއެވެ. މި ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރާ ހޮސްޕިޓަލެކެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޒިއަންހުއާއެވެ.
ވަޒީރު މުއްޠަލިބު ވިދާޅުވީ، މި އެއްބަސްވުމާއެކު ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިން މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރާނީ ޞިއްޙީ ވުޒާރާއާއި، އިމާރާތްކުރުމާ ބެހޭ ވުޒާރާއާއި، އައިޖީއެމްއެޗްގެ އިތުރުން މިކަމަށް ޚާއްޞަ ޗައިނާގެ ޓީމަކާ ގުޅިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އުންމީދުކުރަނީ މިހާރު މި މަސައްކަތް ދާގޮތަށް ބަލާނަމަ އަންނަ އަހަރު ކުރީކޮޅު އަޅުގަނޑުމެންނަށް އަމަލީ މަސައްކަތް ފެށޭނެކަމަށް،" ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.
ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލުގައި އާބާދީއަށް ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ޤާއިމުވެފައި ނުވާތީ، މި އައު ހޮސްޕިޓަލާއެކު ގްރޭޓަރ މާލެ ސަރަޙައްދުގެ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޗައިނާ ސަރުކާރުގެ އެހީއާއެކު ވިލިމާލޭގައި ތަރައްޤީކުރާ މި ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓްޕޭޝަންޓް، އިމްޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއްވެސް ހުންނާނެއެވެ.