Ads by Stelco

ޚަބަރު

ޙައްޖު ދުވަހާއި ޢީދު ބަންދުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ: އިމިގްރޭޝަން

ޙައްޖު ދުވަހާއި ޢީދު ބަންދުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ: އިމިގްރޭޝަން

އިމިގްރޭޝަން އޮފިސަރަކު ޕާސްޕޯޓު ދޫކުރަނީ، ފޮޓޯ: އިމިގްރޭޝަން

04 ޖޫން 2025، 08:47

ޙައްޖު ދުވަހާއި ބޮޑު ޢީދު ބަންދު ދުވަސްތަކުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އެ އިދާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައިވާގޮތުން، ޢީދު ބަންދުގައި މެދުކެނޑުމެއް ނެތި އިމުގާ މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ. އަދި ޢީދުގެ ފުރަތަމަ ދުވަސް ކަމުގައިވާ، އަންނަ ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ކުރިޔަށް ގެންދާނެކަމަށް ވަނީ ހާމަކޮށްފައެވެ.

އެގޮތުން ޕާސްޕޯޓު ނެގުމަށް ނަންބަރު ދޫކުރާނީ ހެނދުނު 09:00 އިން މެންދުރުފަހު 02:00އަށް ކަމަށާއި އަދި މި ބަންދުގައި ޕާސްޕޯޓު ޚިދުމަތް ދޭނީ ހަމައެކަނި މާލޭ ސަރަޙައްދުގައި ހިމެނޭ އިމިގްރޭޝަންގެ އޮފީސްތަކުންކަން ވެސް ހާމަކޮށްފައިވެއެވެ.

މި ނޫން ގަޑިއެއްގައި ވިޔަސް، މެޑިކަލް އެމަޖެންސީއެއް ދިމާވެއްޖެނަމަ ޕާސްޕޯޓު ޚިދުމަތުގެ ހޮޓުލައިން ނަންބަރު، 9555333އަށް ގުޅުއްވުމުން، އެ ކަމަށް އިޖާބަދޭނެކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

މާލެ ސަރަޙައްދުގައި ހަތަރު ސަރަޙައްދަކުން ޕާސްޕޯޓު ދޫކުރެއެވެ. އެއީ ވެލާނާގެ ފުރަތަމަ ފަންގިފިލާ އާއި ވިލިމާލެ (އީ ބްލޮބް)އިންނާއި ހުޅުމާލެ ފޭސް-1 ގައި ހުންނަ އުމަރު ޒާހިރު ބިލްޑިން އަދި ހުޅުމާލެ ފޭސް-2 ގެ ވިނަރެސް ފުލެޓު 2 ގެ ފުރަތަމަ ފަންގިފިލާއިންނެވެ.



ޢީދު ބަންދަށް އެއްކޮށް ޕާސްޕޯޓު ޚިދުމަތް މެދުކަނޑާނުލި ނަމަވެސް، އެ މުއްދަތުގައި ވީޒާގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި އެމަޖެންސީ ހާލަތްތަކުގައިކަމަށް ވެސް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ. 

ވާރކް ވީޒާއާ ގުޅޭ އެމަޖެންސީއެއް ދިމާވެއްޖެނަމަ 9199153އަށް އަދި އެހެން ވިޒާއެއްގައި ހުރި ބިދޭސީއަކާ ގުޅޭ އެމަޖެންސީއެއް ނަމަ 9199157އަށް ގުޅުމަށް އިމިގްރޭޝަނުން އިރުޝާދުދެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS