ޚަބަރު
ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމްގެ ޕާސްޕޯޓު އަނެއްކާ ވެސް ހިފަހަށްޓައިފި

އެމްޑީޕީގެ ޕްރެސް އެއްގައި އަކްރަމް ކަމާލުއްދީން، ފޮޓޯ: އެމްޑީޕީ
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް އަނެއްކާ ވެސް ހިފަހައްޓާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކޮށްފިއެވެ.
އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުންނެވެ. އެއީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަމާ ގުޅިގެން ބަލަމުންދާ މައްސަލައެއްގައެވެ.
އަކުރަމްގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު ދޫކޮށްލާފައި ވަނީ ހައިކޯޓުގެ އަމުރަކާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުން އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ އޭނާ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ. އަދި ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ބާތިލްކޮށް، އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަށް އޭރު ހައިކޯޓުން އަމުރުކުރިއެވެ.
ނަމަވެސް އޭނާގެ ޕާސްޕޯޓު އަލުން މި ހިފެހެއްޓީ އާ އަމުރެއްގެ ދަށުން 30 ދުވަހުގެ މުއްދަތަށެވެ.
އަކްރަމް ވަނީ އެކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ސިޓީއެއް ފޮނުއްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ، ހައި ކޯޓުގެ ހުކުމް އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ނިންމާފައި ވަނިކޮށް، އެ ނިންމުމަށް ގޮންޖަހާ އުސޫލުން ކްރިމިނަލް ކޯޓުން އެހެން އަމުރެއް ނެރެ، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. އެހެންވެ، ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލްކޮށްދޭން އެދެން އަކްރަމް ވަނީ އެދިވަޑައިގެންފައެވެ.
އެ ސިޓީއާ ގުޅިގެން ޕީޖީ އޮފީހުން ބުނީ، ހައިކޯޓުން ބާތިލުކުރީ އެހެން އަމުރެއް ކަމަށާއި، ފަހުން ޕާސްޕޯޓު ހިފެހެއްޓީ އާ އަމުރަކުންކަމަށް ވުމުން އެ އަމުރު މުރާޖައާ ކުރަން ހުށަހެޅުމުގެ ފުރުސަތާއި ބާތިލް ކުރަން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.
އަކުރަމްގެ އިތުރުން، ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކުރިން ނެރުނު އަމުރު ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
މި ދެ ބޭފުޅުންނަކީ މިދިޔަ ސަރުކާރުގައި ފްލެޓާއި ގޯތި ދިނުމަށް އުފެއްދި ހާއްސަ ކޮމިޓީގައި އިސްކޮށް އުޅުއްވި ދެ ބޭފުޅުންނެވެ. އަދި އެ ދެ ބޭފުޅުންނަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މިއަދު ވަނީ އޭސީސީން ފޮނުވާފައެވެ.