ޚަބަރު
ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓް ލިސްޓުގެ ކޮރަޕްޝަންގެ މައްސަލަ: 4 ފަރާތެއްގެ މައްޗަށް ދަޢުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ޤާއިމު ކުރާ ފްލެޓް ފޮޓޯ: އެޑިޝަން
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އެކުލަވާލުމުގައި ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 4 ފަރާތެއްގެ މައްޗަށް ދަޢުވާކުރުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.
އޭސީސީން ބުނީ މި މައްސަލައިގައި ދަޢުވާކުރުމަށް އެދި ފޮނުވާފައިވަނީ ކުރީގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން އާއި، އެ މިނިސްޓްރީގެ ކުރީގެ ދެ ސީނިއަރ އެގްޒެކެޓިވް މުޙައްމަދު ޢާރިފް އާއި ޟިރުޢާމް ވަޙީދު، އަދި ކުރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމްގެ މައްޗަށް ކަމަށެވެ.
މި 4 ފަރާތުގެ މައްޗަށް ދަޢުވާކުރަން އެދިފައިވަނީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ. އަދި މި މައްސަލައިގައި އިތުރު ކުށްތަކެއް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެ ކުށްތައް ތަޙުޤީޤުކުރުމުގެ މަސައްކަތް އޭސީސީ އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ ކަމަށްވެސް އޭސީސީން ބުންޏެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިން ހާމަކޮށްފައިވާ ގޮތުގައި، ފްލެޓް ލިސްޓް އެކުލަވާލުމުގައި ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވެއެވެ. އޭގެ ތެރޭގައި ފްލެޓް ކޮމިޓީގެ މެންބަރަކު އަމިއްލައަށް އޭނަގެ ފޯމް އިވެލުއޭޓްކޮށް ލިސްޓްގައި ހިމެނުމާއި، ޕޯޓަލްގައި ދޮގު މަޢުލޫމާތު ހުށަހެޅުން، އަދި ސަރުކާރު ބަދަލުވުމަށްފަހުވެސް ކޮމިޓީގެ ބައެއް މެންބަރުން ޕޯޓަލްއަށް އެކްސެސްވެފައިވުން ހިމެނެއެވެ.
މި މައްސަލައިގެ ތަޙުޤީޤު އޭސީސީ އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ކުރިއަށް ގެންދިޔައެވެ. އަދި ތަޙުޤީޤުގައި ހޯދާފައިވާ ހެކި ޤަރީނާއިން، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާކަން އެނގޭކަމަށް އޭސީސީން ބުންޏެވެ.