ޚަބަރު
އާރުޓީއެލްގައި މިދިޔަ އަހަރު 16 މިލިއަން ދަތުރުވެރިން އެކި މަންޒިލްތަކަށް ދަތުރުކުރި

އާރުޓީއެލް ފެރީ ---
ރާއްޖެ ޓްރާންޕޯޓު ލިންކް (އާރުޓީއެލް) މެދުވެރިކޮށް މިދިޔަ އަހަރު 16 މިލިއަން ދަތުރުވެރިން އެކި މަންޒިލްތަކަށް ދަތުރުކޮށްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.
އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާގޮތުން، 16 މިލިއަން ދަތުރުވެރިން ވަނީ އެ ކުންފުނީގެ ބަސްތަކާއި ފެރީ މެދުވެރިކޮށް ދަތުރުކޮށްފައެވެ. އެގޮތުން ހަމައެކަނި މާލޭ ސަރަޙައްދުގައި އެކަނި ވެސް 8.4 މިލިއަނަށް ވުރެ ގިނަ ދަތުރުވެރިން އާރުޓީއެލް ބަހުގެ ޚިދުމަތް ހޯދާފައިވެއެވެ.
އެ ކުންފުނީގެ އަހަރީ ރިޕޯޓުގައިވާގޮތުން، ވިލިމާލެ އާއި ހުޅުމާލޭގެ ފެރީގެ ނިޒާމް ފުރިހަމަކުރުމަށް ވެސް މިދިޔަ އަހަރު މަސައްކަތް ކުރެވުނެވެ. އަދި ޑިޖިޓަލް ޕޭމަންޓު ނިޒާމް ހަރުދަނާކުރުމަށް އެމެކްސް ކާޑުން ޓިކެޓު ނެގޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، ފެރީގެ ޚިދުމަތް ފުޅާކުރުމަށް މ އަތޮޅާއި މާލެއާ ދޭތެރޭ ދަތުރުތައް ވަނީ ފަށާފައެވެ. އަދި އިތުރު ދެ އުޅަނދާއެކު ނޫނު އަތޮޅު (ޒޯން 2) ގެ 14 ރަށެއް ވަނީ ގުޅުވާލާފައެވެ.
މި އަހަރުގެ ތެރޭގައި ފެރީގެ ނިޒާމް އިތުރަށް ފުޅާކުރުމަށް އެމްޓީސީސީއިން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ރ އަތޮޅާއި ބ އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށިގެންދާނެކަމަށް، ރ. އުނގޫފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.