Ads by Stelco

ޚަބަރު

އެމްޓީސީސީއިން ވަނީ މިދިޔަ އަހަރު 26 މަޝްރޫއެއް ނިންމާފައި

އެމްޓީސީސީއިން ވަނީ މިދިޔަ އަހަރު 26 މަޝްރޫއެއް ނިންމާފައި

އެމްޓީސީސީއިން ނިންމާފައިވާ ބޮޑު ހިލަ ޖެހުމުގެ މަޝްރޫއެއް، ފޮޓޯ: އެމްޓީސީސީ

03 ޖޫން 2025، 10:03

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިދިޔަ އަހަރު 26 މަޝްރޫއެއް ނިންމާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެ ކުންފުނީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރޭ އާންމުކޮށްފައިވާއިރު، އެ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަނުން އަންނަނީ މުޅި ގައުމުގެ އެކި ސަރަޙައްދުތަކުގައި އިންފްރާސްޓްރަކްޗަރގެ ބިޔަ މަޝްރޫއުތައް ހިންގަމުންނެވެ. އަދި މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ސަމާލުކަންދެމުން ގެންދާ ކަމުގައި ވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން މަސައްކަތްތަކުގެ ދުވެލި އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް މިދިޔަ އަހަރުކޮށްފައިވާކަމަށް ހާމަކޮށްފައިވެއެވެ. އަދި ބިން ހިންކުމަށް ގެނައި ދެވަނަ ޑްރެޖަރާއެކު، އެ ކުންފުނީގެ ބިންހިއްކުމުގެ ކެޕޭސިޓީ ދުވާލަކަށް %29 އިތުރުކުރެވިގެން ދިޔަކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

އެމްޓީސީސީއިން މިދިޔަ އަހަރު ނިންމި މަޝްރޫއުތައް:

  • ބިން ހިއްކުމާއި ބޮޑު ހިލަ ޖެހުން: ނ. މާފަރު އަދި އއ. އެތެރެ މަޑިވަރު
  • ބޮޑު ހިލަޖެހުން: ރ. އިންނަމާދޫ، ތ. ވިލުފުށި، ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ހުޅަނގު އުތުރު ސަރަޙައްދާއި ހއ. ހޯރަފުށި އެއާރޕޯޓު
  • ބަނދަރު ހެނދުން: ކ. ކަނޑުއޮތްގިރި، މ. މުލި، ކ. ވިލިމާލެ، ހއ. ބާރަށް، އއ. މާޅޮސް، ހދ. ކުމުންދޫ، ބ. ކަމަދޫ އަދި ހުޅުމާލެ ހާބަރ-1
  • އެއާރޕޯޓު ތަރައްޤީކުރުން: މާފަރު އިންޓަނޭޝަނަލް އެއާރޕޯޓު
  • މަގު ހެދުން: ހއ. ހޯރަފުށި، ޏ. ވުވައްމުލަށް އަދި ވެލާނާ އެއާރޕޯޓުގެ ބައެއް
  • އިމާރާތްކުރުން: ގދ. ތިނަދޫ އިސްލާމިކް ސެންޓަރ މަރާމާތުކުރުމާއި އެ މިސްކިތުގެ އާބާތުރަ ފިލުވުން
  • ފުޓުބޯޅަ ދަނޑު: ށ. ފުނަދޫ (ސަބްބޭސް މަސައްކަތް) އާއި ޏ. ފުވައްމުލަކު ދަނޑިމަގު ފުޓުބޯޅަ ދަނޑު (ސަބްބޭސް މަސައްކަތް)

ސާރވޭ އާއި ކޮންސަލްޓެންސީ: ފ. ނިލަންދޫ އެއާރޕޯޓު ރިކްލެމޭޝަން، ތ. ގުރައިދޫ އެއާރޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ކާރގޯ ޓާރމިނަލް އަދި ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ބައިނަލްއަގްވާމީ ދަތުރުތަކާއި އެތެރޭގެ އުތުހުންތަކަށް ޙާއްސަ ބައިގެ ޙިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ބޭނުންވާ މަސައްކަތަތްއް

މި ދާއިރާއިން އެ ކުންފުނިން މިދިޔަ އަހަރު އެންމެ ސަމާލުކަން ދީފައިވާ ތިން ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، މަސައްކަތު ސައިޓުތަކުގައި މަސައްކަތް ކުރުމުގެ ފެންވަރު އިތުރުކުރުމަށާއި، ޓީމުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނަސް މަސައްކަތުގެ ދުވެހި ހަލުވި ކުރުމާއި އަދި ކުންފުނީގައި މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި އިތުރުކުރުން ކަމަށް އެމްޓީސީސީއިން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS