ޚަބަރު
ނަންބަރު ރީތި ނަމަ ލައްކައަކަށް ވެސް ވިއްކާލެވިދާނެ

މޯބައިލް ފޯން، ފޮޓޯ: އިންޓަނެޓް
ރީތި މޯބައިލް ނަންބަރު ގެންގުޅުމަކީ އަހަރެމެންގެ ތެރެއިން ބައެއް މީހުން ލޯބިކުރާކަމެކެވެ. މިކަން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ މޯބައިލް ފޯނުތައް އާންމުވެގެން ދިޔަ ދުވަސްވަރެވެ.
އޭގެ ފަހުން ދޭތެރެދޭތެރެއިން ރީތި ނަންބަރު ވިއްކުމަށް ބައެއް އޮންލައިން ޕްލެޓްފޯމުތަކުގައި ޖަހާފައި ހުންނަތަން ފެނެއެވެ. ނަމަވެސް، މީހަކު ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅެމުން އައި ރީތި ނަންބަރެއް އޭނާއަށް ގުޅައިގެން ހޯދަން އުޅޭ އަޑެއް، މިފަހަކާ ޖެހެންދެން އަޑެއް ނާހަމެވެ.
މިއީ ވަރަށް ފަހަކުން މީހަކު ޙިއްސާކުރި ވާހަކައެކެވެ. އޭނާ ގެންގުޅޭ މޯބައިލް ނަންބަރު ރީތިވެގެން އެ ނަންބަރު ހޯދުމަށް އޮންލައިން އެޕްލިކޭޝަނަކުން ނުދަންނަ މީހަކު މެސެޖުކުރިއެވެ. ތެދެކެވެ. އެ ނަންބަރު ހަމަ ވަރަށް ރީއްޗެވެ. ހަނދާންކުރަން ވެސް ފަސޭހައެވެ. މިކަމަށް އެދި ނަންބަރު ހޯދަން މެސެޖުކުރި މީހާ އަގެއް ކިއުމަށް ބުންޏެވެ. އަދި އޭނާ އަގެއް ނުކިއުމުން، އޭގެ އަގު ދިހަ ހާހުން، ވިހި ހާހުން ގޮސް އެންމެ ފަހުން ތިރީސް ހާހަށް ވެސް އެރިއެވެ. އެ އަދަދަށް އެއްބަސް ނުވުމުން، އެންމެ ފަހުން ބޭނުން އަގެއް ކިއުމަށް ބުންޏެވެ. އަދި އޭގެ އަގު ލައްކައަކަށް އެރިނަމަވެސް، އެއްވެސް ހާސްކަމެއް ނެތްކަމަށް ބުންޏެވެ.
ހުށަހެޅި ކޮންމެ އަގަކަށް މީހަކު ބޭނުންކުރަމުން ދިޔަ ނަންބަރެއް ހޯދުމަށް އެ އުޅެނީ ކީއްވެގެން ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. މިއީ އެކަމުން އޭނާއަށް ލިބެން އޮތް މަންފާ ބޮޑުކަމުންކަމަށް ވުމަކީ، މިކަމުގައި ވުން އެންމެ ގާތް ގޮތްކަމަށް އަހަރެންގެ ހިތަށް އެރިއެވެ.
ކަން ހިނގަން އޮތީ ހަމަ އެހެނެވެ. ރަގަޅަށް ވިސްނާލުމުން އެކަން ސިފަކުރެވެން ފެށިއެވެ. ޙަޤީޤަތުގައި ނުދަންނަ މީހާ ގަންނަން މި މަސައްކަތް ކުރަނީ އެ ނަންބަރު އެކަންޏެއް ނޫނެވެ. ނަމަވެސް އެއީ މީހަކު އެތައް އަހަރެއް ވަންދެން ބޭނުން ކުރަމުން ދިޔަ ނަންބަރެއްކަމުން، އޭނާ ގަންނަން މި އުޅެނީ މީހެއްގެ އައިޑެންޓިޓީއެވެ.
މޯބައިލް ނަންބަރަކީ އައިޑެންޓިޓީއެއް ކަމަށް މި ބުނެވެނީ، އެ ނަންބަރު ގެންގުޅުނު މީހާގެ އާއިލާއާއި ގާތްތިމާގެ މީހުންނާއި ރަށްޓެހިންގެ މޯބައިލް ފޯނު، ނުވަތަ ހިތުގައި ވިޔަސް، އެ ނަންބަރު ސޭވްކޮށްފައި ނުވަތަ ހަނދާނުގައި ބަހައްޓާފައި އިންނާނީ އެއީ ވަކި މީހަކަށް ގުޅާނެ ނަންބަރުގެ ގޮތުގައެވެ. އެހެންކަމުން އެ ނަންބަރުން ކޮންމެ މީހަކު ގުޅިޔަސް ނުވަތަ މެސެޖު ކުރިޔަސް ބެލެވޭނީ، އެ ނަންބަރަށް ދީފައި އޮތް އައިޑެންޓިޓީގެ ވެރިފަރާތުން ގުޅަނީ ނުވަތަ މެސެޖުކުރަނީ ކަމަށެވެ.
ބުނަން މި އުޅޭ ވާހަކައަކީ، މިއީ ވެސް މިހާރު ސްކޭމްގެ ބާވަތެއް ކަމުގެ ވާހަކައެވެ. މޯބައިލް ނަންބަރު ކިތަންމެ ބޮޑު އަގަކަށް ވިޔަސް އެހެން މީހަކު ގަނެގެން، އެ ނަންބަރުން ފައިސާ ހޯދުމަށް ބޭނުންކުރުމަކީ، އެހެން މީހުން މަޅީގައި ޖައްސާލުމަށް ފަސޭހަ ގޮތަކަށް ވާނެއެވެ. ހަމަގައިމުވެސް ކުރިން އެ ނަންބަރު ގެންގުޅުނު މީހާގެ ގާތް މީހުނަށް މެސެޖުކޮށް ހެދުމުން އެއްވެސް ޖެހިލުމެއް ނެތި ފައިސާ ފޮނުވާނެ މީހުން ތިބޭނެއެވެ. އެކަމަށް ބޭނުންވާނީ މޮޅު ވާހަކައެއް، ނުވަތަ "ސިމްޕަތީ ސްޓޯރީ"އެކެވެ. އަދި އެކަން ސްމާޓްކޮށް ކޮށްފިނަމަ، އެއް ދުވަހުން އެތައް ލައްކަ ރުފިޔާއެއް ހޯދުމަކީ ވެސް އުނދަގޫކަމެއް ނޫނެވެ.
އެހެންކަމުން، މިފަދަ ކަންކަމަށް ސަމާލުވުމަކީ ތިމާ އާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި މުހިންމު ކަމެކެވެ. ތިމާ ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅުނު ފޯނު ނަންބަރު ރީތިވެގެނޭ ކިޔާފައި ގަންނަންވީ ވަކި ކީއްވެގެން ހެއްޔެވެ؟ އަދި ފައިސާ ހޯދުމަށް މީހަކު މެސެޖުކޮށްފިނަމަ، އެ މީހަކަށް ގުޅާފައި އެ މެސެޖާ ގުޅޭ ގޮތުން ޔަޤީންކަން ހޯދުން މުހިންމެވެ. އެހެންނޫނީ ސްކޭމްކުރާ މީހެއްގެ މަޅީގައި ޖެހި، ތިމާ އަތުން ބައިވަރު ފައިސާ ގެއްލިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެކަނި ވެސް 1.4 މިލިއަން ރުފިޔާ ވަނީ ސްކޭމްތަކުން ގެއްލިފައެވެ. އެގޮތުން މިދިޔަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް 136 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތުދީފައިވާ ގޮތުގައި، އެންމެ ގިނައީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާފައިވާ ސްކޭމްތަކާއި ފޭސްބުކް މާކެޓްޕްލޭސްގައި ހިންގާފައިވާ ސްކޭމްތަކެވެ.
މިދިޔަ މަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ބާވަތްތަކަށް ބަލާއިރު، ބޭރު ފައިސާ މާރުކުރުމުގެ ސްކޭމްތަކާއި، ފޯނު މެދުވެރިކޮށް ހިންގާ ސްކޭމްތަކާއި އަދި ފިޝިން ލިންކުތައް ބޭނުންކޮށްގެން ހިންގާފައިވާ ސްކޭމް މައްސަލަތައް ހިމެނެއެވެ.
ސްކޭމްގެ މައްސަލަތައް އިތުރުވުމުން އެކަމަށް ޙާއްސަކޮށް މިދިޔަ މާޗު މަހު ހުޅުވި ފުލުހުންގެ ސްކޭމް ސެންޓަރުން ވަނީ އެއްވެސް ލިންކަކަށް ނުފިތުމާއި ވެރިފިކޭޝަން ކޯޑު ހިއްސާ ނުކުރުމާއި ދަންނަ މީހެއްގެ ފަރާތުން އަންނަ މެސެޖެއް ކަމުގައި ވިޔަސް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.