Ads by Stelco

ޚަބަރު

ޙައްޖު ދަތުރު 15 ދުވަހަށް ކުރެއް ނުކުރޭ: ވަޒީރު ޝަހީމް

ޙައްޖު ދަތުރު 15 ދުވަހަށް ކުރެއް ނުކުރޭ: ވަޒީރު ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަޙީމް ޢަލީ ސަޢީދު ---

03 ޖޫން 2025، 06:30

މި އަހަރު ޙައްޖުގައި ހޭދަވާ މުއްދަތު 15 ދުވަހަށް ކުރުނުކުރާކަމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މި ފަހަރުގެ ޙައްޖު 15 ދުވަހަށް ކުރުކޮށްފައިވާކަމަށް ބުނެ، ޙަޤީޤަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދިއުމާ ގުޅިގެންނެވެ.

ވަޒީރު ވިދާޅުވީ، ޙައްޖުވެރިން އަނބުރާ ގެނައުމަށް ބާއްވާ ފުރަތަމަ ފްލައިޓުން ރާއްޖެ އަންނަ މީހުން ވެސް، ސައުދީ ޢަރައްބިއްޔާގައި 18 ދުވަސް ހޭދަވާނެކަމަށެވެ. އަދި ދެން އަންނަ ދެ ފްލައިޓުގެ މީހުން 19 ދުވަސް ސައުދީ ޢަރަބިއްޔާގައި ހޭދަވާއިރު، އެންމެ ފަހު ފްލައިޓުގެ މީހުން 20 ދުވަސް އެ ޤައުމުގައި ހޭދަވާނެ ކަމަށެވެ.

އަދި ޙައްޖު ދަތުރުގައި ސައުދީ ޢަރަބިއްޔާގައި 30 ދުވަސް ހޭދަކޮށްފައިވަނީ މީގެ އަހަރުތަކެއް ކުރިން ކަމަށާއި، ނަމަވެސް ކޮވިޑުގެ ޢާލަމީ ވަބާއަށްފަހު އެހާ ދުވަހު ސައުދީގައި މަޑުކުރުމުގެ ފުރުސަތު ނުލިބޭކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. 

މީގެއިތުރުން، މި ފަހުން ސައުދީގައި މަޑުކޮށްފައިވަނީ 22 ދުވަހާއި 25 ދުވަހާއި ދެމެދުގެ މުއްދަތަކަށް ކަމުގައި ވީނަމަވެސް، މި ފަހަރު ޙައްޖު ނިންމާ މަދީނާއަށް ދިއުމަށްފަހު އަނބުރާ މައްކާއަށް ނުގޮސް، މަދީނާއިން ސީދާ ރާއްޖެއަށް ފުރާގޮތަށް ހަމަޖެހިފައިވާތީ، އެ މުއްދަތަށް ވުރެ ދަތުރު ކުރުވީކަމަށް ވަޒީރު ފާހަގަކުރެއްވެވިއެވެ.

މި ބަދަލަކީ ޙައްޖުވެރިންގެ ރައްކާތެރިކަމާއި މަޞްލަޙަތާއި މޫސުމަށް ބަލައި ޞިއްޙަތަށް ބެލުމުގެ ގޮތުން ސައުދީ އަރަބިއްޔާގެ ކަމާ ބެހޭ އިދާރާތަކުން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ރިޢާޔަތްކުރުމުގެ ގޮތުން ގެނަސްފައިވާ ބަދަލެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. 

ކަންމިހެން އޮތްއިރު، މިފަދަ ކަންކަމުގައި ހަޤީޤަތް އޮޅޭގޮތަށް އެއްވެސް ފަރާތަކުން ވާހަކަ ނުދެއްކެވުމަށް ވަޒީރު އިލްތިމާސްކުރެއްވެވިއެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުން އޮންނަ ބޮޑެތި ކަންކަމުގައި އަބަދުވެސް މަސައްކަތް ކުރާނީ މަޘްވަރާގެ މަތިން ޙައްލު ހޯއްދެވުމަށްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS