ޚަބަރު
ސްރީލަންކާ ސަރުކާރުން ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ފަށައިފި

ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް، ފޮޓޯ: ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ
ސްރީލަންކާ ސަރުކާރުން ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ފަށާފައިވާކަމަށް، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖެއިން ހައިވަކަރު ގަސް މަދުވެފައި ވާތީ، ހައިވަކަރު ގަސް އިތުރު ކުރުމަށް ކުރިޔަށްގެންދާ މަޝްރޫއެކެވެ. އެގޮތުން މި ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާއިއެކު ހުރިހާ އެއަރޕޯޓެއްގައި އިންދުމަށް ގަސް ފޮނުވުމަށްފަހު، މިހާރު ކުރިޔަށް ދަނީ ހައިވަކަރު ގަސް ބޭނުންވެގެން ޝައުގުވެރިކަން ފާޅުކުރެއްވި ރިސޯޓުތަކަށް ގަސްތައް ހަދިޔާ ކުރުމުގެ މަސައްކަތް ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.
މި ގަސްތަކަކީ، ސްރީލަންކާ ސަރުކާރުން، ދިވެހި ސަރުކާރުގެ 5 މިލިއަން ގަސް ޕްރޮގްރާމަށް ހަދިޔާކޮށޤފައިވާ ގަސްތަކެކެވެ.
މިޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ގަސްތައް ހަދިޔާކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި އިންތިޒާމްތައް ކުރިއަށްދާކަމަށް ވެސް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ހައިވަކަރު ގަސްތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތި ޒީނަތްތެރިކުރުމަށް އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެއްކަމަށް ވެސް އެ ވުޒާރާއިން ހާމަކުރެއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވާ، ގަސް އިންދުމުގެ އެކި ޙަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މ އަތޮޅާއި، ރ އަތޮޅު އަދި ށ އަތޮޅުގައި މި ހިގާ ޖޫން މަސްތެރޭ ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް މިހާތަނަށް ވަނީ 565،000 ގަސް އިންދާފައެވެ.