ޚަބަރު
ޙައްޖާޖީންގެ ބޭހާއި ވެކްސިން އަދި މެޑިކަލް ޓެސްޓުތައް ހިލޭ ހެދޭނެ އިންތިޒާމު ރައީސް ހަމަޖައްސައިދެއްވައިފި

ރައީސް މުޢިއްޒުގެ ދެކަނބަލުން ދިވެހި ޙައްޖާޖީންނާއި ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ޙައްޖަށް ދިއުމުގެ ކުރިން ޙައްޖާޖީން ފުރިހަމަކުރަން ޖެހޭ ވެކްސިންތަކާއި، ޞިއްޙީ ޓެސްޓުތައް ހިލޭ ހެދޭނެ އިންތިޒާމު މިއަންނަ އަހަރު ހަމަޖައްސަވާނެކަމަށާއި، ޙައްޖާޖީންނަށް ބޭނުންވާ ބޭސް މިއަދުން ފެށިގެން ހިލޭ ލިބޭނެގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިދެއްވައިފިއެވެ.
މައްކާގައި، ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލުގައި ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޙައްޖުގެ އިންތިޒާމުތައް ވީހާވެސް ފަސޭހަ އަދި ލުއިކޮށް ހަމަޖައްސަވައިދެއްވުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަންދެއްވާ ކަމަށެވެ. އަދި މި އަހަރަކީ ސަޢުދި ޢަރަބިއްޔާއިން ރާއްޖެއަށް ކުރިން ދީފައި ނުވާ އެތައް ލުއިތަކެއް ދެއްވި އަހަރެއްކަން ފާހަގަކުރެއްވިއެވެ.
ބައްދަލުވުމުގައި ޙާޖީންގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތަކުގެ ތެރޭގައި ހޮޓަލުގައި ހުރި ކްލިނިކުން ބޭސް ގަންނަން ޖެހޭ މައްސަލައާއި، ޙައްޖަށް އައުމުގެ ކުރިން އަތޮޅުތަކުގައި ވެކްސިން ފުރިހަމަކޮށް، ހިލޭ ޓެސްޓުތައް ހެދޭނެގޮތް ހަމަޖެހުމުގެ މައްސަލަ ހިމެނެއެވެ.
ޙައްޖާޖީން ގަންނަންޖެހޭ ބޭހާއި ވެކްސިން ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. އަދި މެޑިކަލް ޓެސްޓުތައް ހެދުންވެސް އިރާދަކުރެއްވިއްޔާ ހިލޭ ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާލީ ވަޒީރުވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ރައީސް ވަނީ މިއަދުން ފެށިގެން ހިލޭ ބޭސް ލިބޭނެ އިންތިޒާމު މާލީ ވަޒީރު ހަމަޖައްސަވައިދެއްވާނެކަމަށް އިޢުލާނުކުރައްވާފައެވެ.
މީގެއިތުރުން ރައީސް ވަނީ ކިއުގައި ޙައްޖަށް ނާދެވިތިބި ޙައްޖާޖީންނަށް އަވަހަށް ޙައްޖުގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަޢުދީ ސަރުކާރާއެކު މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށްވެސް ވިދާޅުވެފައެވެ. މިއަހަރު ރާއްޖެއަށް 1000 ޙައްޖު ކޯޓާ ލިބިފައިވާއިރު، އެއްވެސް ޤައުމަކަށް އިތުރު ކޯޓާ ސަޢުދީ ސަރުކާރުން ދީފައިނުވާކަން ފާހަގަކުރެވެއެވެ.