ޚަބަރު
މިދިޔަ މެއި މަހު ފުލުހުންގެ އިދާރާއަށް އެންމެ ގިނައިން ހުށަހަޅާފައިވާނީ ވައްކަމުގެ މައްސަލަ

ދިވެހި ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ.
މިދިޔަ މެއި މަހު ފުލުހުންގެ އިދާރާއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައްކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މެއި މަހު ޖުމްލަ 1،020 މައްސަލަ ހުށަހަޅާފައިވާއިރު، މިއީ އޭޕްރީލް މަހާ އަޅާބަލާއިރު 282 މައްސަލަ އިތުރު އަދަދެކެވެ.
މިދިޔަ މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ދެވަނައިގައި ޓްރެފިކް މައްސަލަތައް އުޅޭއިރު ތިންވަނައަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 320 މައްސަލައެއް ހުށަހަޅާފައިވާއިރު، މަސްތުވާތަކެތީގެ 177 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
މީގެއިތުރުން، އެއްޗެހި ގެއްލިގެން ހުށަހެޅާފައިވާ 70 މައްސަލަ އާއި މުދަލަށް ގެއްލުން ދިނުމުގެ 48 މައްސަލަ އާއި އަނިޔާގެ 54 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ގެވެށި އަނިޔާގެ 16 މައްސަލަ އާއި ޖިންސީ ގޯނާގެ 24 މައްސަލަ އާއި ފޭރުމުގެ 20 މައްސަލަ އާއި ޚިޔާނާތުގެ 19 މައްސަލަ އާއި ފޯޖުކުރުމުގެ 4 މައްސަލަވެސް ވަނީ ހުށަހެޅިފައެވެ.
ކުށްތައް މަދުކުރުމަށްޓަކައި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާ ގުޅިގެން ތަފާތު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. ޚާއްޞަކޮށް ޓްރެފިކް އެކްސިޑެންޓްތައް މަދުކުރުމަށް، ބާރު ސްޕީޑުގައި ނުދުއްވުމަށާއި މަގުމަތީގެ ގަވާއިދުތަކަށް ޢަމަލުކުރުމަށް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.
މާލޭ ސަރަޙައްދުގައި އެކްސިޑެންޓްތައް އިތުރުވަމުންދާތީ، މާލޭ ސަރަޙައްދު ބެލެހެއްޓުމުގައި ޚާއްޞަ ސިޔާސަތުތަކެއް ކަނޑައަޅައި، އެ ސިޔާސަތުތައް ތަންފީޒުކުރަން ފުލުހުންވަނީ ފަށާފައެވެ.