ޚަބަރު
“ޕްރެކްޓިސް ޕާލިމެންޓް ފޯރ ވިމެން” ގައި ބައިވެރިވުމަށް ހުޅުވާލައިފި

2024 ވަނަ އަހަރު ބޭއްވުނު ޕްރެކްޓިސްް ޕާލިމެންޓް ފޯރ ވިމެން ގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން އަންހެނުން ތަމްރީނުކުރުމަށް ބާއްވާ "ޕްރެކްޓިސް ޕާލިމެންޓް ފޯރ ވިމެން"ގެ މިއަހަރުގެ ފުރަތަމަ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ޕްރޮގުރާމް ކުރިއަށްދާނީ މިއަންނަ ޖުލައި މަހުގެ 5 އިން 12 އަށް މާލޭގައެވެ.
ޔޫއެންޑީޕީ މޯލްޑިވްސްއާއި، ރައްޔިތުންގެ މަޖިލީހާއި، އޮސްޓްރޭލިއަން އެއިޑް އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގުރާމުގައި ބައިވެރިވެވޭނީ 25 އަހަރުން މަތީގެ އަންހެނުންނަށެވެ. ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް ޔޫއެންޑީޕީން ވަނީ އިޢުލާނުކޮށްފައެވެ.
ޔޫއެންޑީޕީން މަޢުލޫމާތު ދެއްވިގޮތުގައި، ކޮންމެ ބުރެއްގައިވެސް 40 ފަރާތަކަށް ފުރުޞަތު ދެވޭނެއެވެ. ބައިވެރިން ހޮވުމުގައި ސިޔާސީ ޕާޓީތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެންޖީއޯތަކާއި، މުޖުތަމަޢުގެ ހަރަކާތްތަކުގައި ކޮށްފައިވާ ތަޖުރިބާއަށް ބެލޭނެއެވެ.
2021 ވަނަ އަހަރު ފެށުނު މި ޕްރޮގުރާމުގެ މައިގަނޑު މަޤްޞަދަކީ ޑިމޮކްރެޓިކް މަރުހަލާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މުޖުތަމަޢުގައި އެކަށީގެންވާ ބަދަލުތައް ގެނައުމަށް މަސައްކަތްކުރާނެ ބަޔަކު އުފެއްދުމެވެ. އަދި އިންތިޚާބުކުރެވޭ މަޤާމުތަކަށް ވާދަކުރުމަށް ބޭނުންވާ ހުނަރާއި ޢިލްމު އަންހެނުންނަށް ފޯރުކޮށްދިނުމެވެ.
މި ޕްރޮގުރާމުގައި މަދަނީ ތަޢުލީމުގެ މުހިންމު ބައިތަކާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. އަދި ބައިވެރިންގެ މެދުގައި މަޖިލީހުގެ ޖަލްސާއެއްގެ ނަމޫނާ މާދިރީއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.