Ads by Stelco

ޚަބަރު

ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: އެމްޑަބްލިޔުއެސްސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖޫން 2025، 07:41

01 ޖޫން 2025، 07:41

ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އިޔާދަ ކުރަނިވި ހަކަތައަށް އެއްކޮށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ޖަޕާނުގެ ކެނެޑޭވިއާ ކުންފުނި ދެމެދު މިއަދު ސޮއިކޮށްފިއެވެ.

މީރުމާ ހޮޓަލުގައި ބޭއްވުނު ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް-މަތީން މުހައްމަދެވެ. އަދި ކެނޭޑިވިއާ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޓަކޭޝީ އައިބާއެވެ. 

މި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރާ ޒީރޯ ކާބަން ސޯލާ ޑީސެލިނޭޝަން ޕްލާންޓަކީ ދުވާލަކު 500 ކިއުބިކް މީޓަރުގެ ފެން އުފެއްދޭނެ ޕްލާންޓެކެވެ. މި ޕްލާންޓަށް ބޭނުންވާ ހަކަތަ އުފެއްދުމަށް 500 ކިލޯވޮޓުގެ ސޯލާ ނިޒާމަކާއި 1450 ކިލޯވޮޓުގެ ބެޓެރީ ނިޒާމެއް ޤާއިމްކުރެވޭނެއެވެ.

މި މަޝްރޫޢުގެ ޚަރަދުގެ 46 އިންސައްތަ ހަމަޖައްސާނީ އެމްޑަބްލިއުއެސްސީންނެވެ. އެގޮތުން ކުންފުނީގެ ކޭޝްފްލޯ އަދި ބޭންކް އޮފް މޯލްޑިވްސްގެ ގްރީން ފައިނޭންސިންގ އެހީގައި މި ޚަރަދުތައް ކުރުމަށް ނިންމާފައިވެއެވެ. މަޝްރޫޢުގެ ބާކީ ޚަރަދު ހަމަޖައްސާނީ ޖަޕާން ސަރުކާރާއި ކެނެޑޭވިއާ ކޯޕަރޭޝަނުންނެވެ.

މީގެ ސަބަބުން ރަށްރަށުގެ ފެނުގެ ޚިދުމަތް ދިނުމަށް މާލީ ގޮތުން ދެކޮޅު ޖެހޭ ނިޒާމަކަށް ބަދަލުކުރެވޭނެ. މިއީ ރާއްޖޭގެ ޔޫޓިލިޓީ ކުންފުނިތަކަށްވެސް ބޭނުންތެރި މަސައްކަތަކަށް ވެގެންދާނެ. އަދި ފެނުގެ ޚިދުމަތް ދިނުމަށް ކުރެވޭ ޚަރަދުތައް ކުޑަކުރެވި ދައުލަތުގެ ދަރަނި ކުޑަކުރުމަށް އެހީތެރިވެދޭނެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް-މަތީން މުހައްމަދު ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރެވޭ މި ނިޒާމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމުމަށް ވަނީ ރޭވިފައެވެ. އެމްޑަބްލިއުއެސްސީން ބުނާ ގޮތުގައި މިއީ ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ތަންފީޒުކުރެވިދާނެ މަޝްރޫޢެއް ކަމަށާއި، މިފަދަ ނިޒާމުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ފެން އުފެއްދުމުގެ ވަސީލަތްތައް ޤާއިމްކުރެވިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS