ޚަބަރު
ސްކޭމްތަކުގައި މިދިޔަ މަހު 1.4 މިލިއަން ރުފިޔާ ގެއްލުނު، ހޯދުނީ 38 އިންސައްތަ

މިދިޔަ މަހު ހުށަހެޅުނު ސްކޭމް މައްސަލަތަކުގެ ފޯނު މެދުވެރިކޮށް ހިންގާފައިވާ ސްކޭމްތައް ހިމެނޭ، ފޮޓޯ: ޕޮލިސް
ސްކޭމްގެ މައްސަލަތަކުގައި މިދިޔަ މަހު އެކަނި ވެސް 1.4 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަމަށާއި، މީގެ ތެރެއިން ހޯދުނީ އޭގެ 38 އިންސައްތަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތަކަށް ބަލާލާއިރު ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް މިދިޔަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް 136 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އެހެންކަމުން އެވަރެޖުކޮށް ދުވާލަކަށް 5 މައްސަލައަށް ވުރެ ގިނައިން ވަނީ ރެކޯޑުކުރެވިފައެވެ.
ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތައް ބޮޑަށް ގިނައީ މަހުގެ ކުރީކޮޅުގައިކަން ވެސް ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ. އެގޮތުން މެއި މަހުގެ 6 ވަނަ ދުވަހުން 19 އަށް 84 މައްސަލަ ހުށަހެޅިފައިވާއިރު، މެއި 20 އިން 31 އަށް ހުށަހަޅާފައިވަނީ 52 މައްސަލައެވެ.
މީގެއިތުރުން ސްކޭމްތަކުގައި 1،380،869ރ. ގެއްލިފައިވާއިރު އެ ތަނުން ހޯދިފައިވަނީ 530،742ރ. ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތުދީފައިވާ ގޮތުގައި، އެންމެ ގިނައީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާފައިވާ ސްކޭމްތަކާއި ފޭސްބުކް މާކެޓްޕްލޭސްގައި ހިންގާފައިވާ ސްކޭމްތަކެވެ.
މިދިޔަ މަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ބާވަތްތަކަށް ބަލާއިރު، ބޭރު ފައިސާ މާރުކުރުމުގެ ސްކޭމްތަކާއި، ފޯނު މެދުވެރިކޮށް ހިންގާ ސްކޭމްތަކާއި އަދި ފިޝިން ލިންކުތައް ބޭނުންކޮށްގެން ހިންގާފައިވާ ސްކޭމް މައްސަލަތައް ހިމެނެއެވެ.
ސްކޭމްގެ މައްސަލަތައް އިތުރުވުމުން އެކަމަށް ޙާއްސަކޮށް މިދިޔަ މާޗު މަހު ހުޅުވި ފުލުހުންގެ ސްކޭމް ސެންޓަރުން ވަނީ އެއްވެސް ލިންކަކަށް ނުފިތުމާއި ވެރިފިކޭޝަން ކޯޑު ހިއްސާ ނުކުރުމާއި ދަންނަ މީހެއްގެ ފަރާތުން އަންނަ މެސެޖެއް ކަމުގައި ވިޔަސް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.