ޚަބަރު
ފިޔޯރީގެ ތަރައްޤީއަށް އަވަސް ޙައްލު ހޯދައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެއްޖެ

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގދ. ފިޔޯރީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ފިޔޯރީގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރި މުހިންމު ކަންކަމުގެ ތެރޭގައި، ރަށުގެ ޒުވާނުން މިހާރު ފުޓްސަލް ކުޅުމަށް ބޭނުންކުރަމުންދާ ދަނޑާއި، ރަށާ އިންވެގެންވާ ފަޅުރަށްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ނިންމައިދިނުމަށް އެދިފައިވެއެވެ. މި ކަންކަމަކީ ރަށުގެ ތަރައްޤީއަށާއި ޒުވާނުންގެ ކުރިއެރުމަށް މުހިންމު ކަންކަން ކަމުގައި ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކައުންސިލްގެ ރައީސާއި މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަން ބައްލަވާނެ ކަމަށެވެ. އަދި ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.