ޚަބަރު
އިރުއޮއްސެންވާއިރަށް ކަރަންޓު ދެވޭނެކަމަށް ސްޓެލްކޯއިން ހާމަކޮށްފި

މާލެ، ފޮޓޯ: ޓްރެވަލް ޓްރޭޑް މޯލްޑިވްސް
ގްރޭޓަރ މާލެއިން ކަރަންޓު ދިޔަ ހުރިހާ ސަރަޙައްދަކަށް މިއަދުގެ އިރުއޮއްސެންވާއިރަށް ކަރަންޓު ދެވޭނެކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
މިއަދު މެންދުރު ކަރަންޓު ކެނޑުމާ ގުޅިގެން އެ ކަމުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރުމަށް ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާކަމަށެވެ. އެގޮތުން މިހާތަނަށް މާލޭގެ 60 ޕަސެންޓަށް އަދި ހުޅުމާލޭގެ 78 ޕަސެންޓަށް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.
އަދި ކަރަންޓު ވިއުގައަށް އެއްކޮށް ކަރަންޓު ފޯރުކޮށްދިނުމުގެ ގޮތުން މިހާރު ކުރިޔަށްދަނީ ސިނަމާލެ ބުރިޖުން ގުޅާފައިވާ ކޭބަލް އެނާޖައިޒްކުރުމުގެ މަސައްކަތްކަމަށް ވެސް އެ ކުންފުނީގެ ފަރާތުން ވަނީ ހާމަކޮށްފައެވެ.
ކަރަންޓު އަނބުރާ ފޯރުކޮށްދިނުމަށް ގިނަ ވަގުތު ހޭދަވާ ސަބަބަށް އަލިއަޅުވާލައި ސްޓެލްކޯއިން ބުނީ، އެ ކުންފުނީގެ އިންޖީނިއަރުން ދަނީ ދިމާވި މައްސަލަ ބަލަމުން ކަމަށާއި، މުޅި ގްރިޑުން ކަރަންޓު ދިއުމުން އެކަން ރަނގަޅަށް ޔަގީންކޮށްފައި ނޫން ގޮތަކަށް ކަރަންޓު ދީގެން ރިސްކެއް ނެގުމަށް ސްޓެލްކޯއިން ބޭނުންނުވީ ކަމަށެވެ.
އަދި ގުރިޑު ހުޅުވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ސްޕީޑަށް ބަލައި އިރުއޮއްސުމުގެ ކުރިން ކަރަންޓު ދެވޭނެކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.
ސްޓެލްކޯ އިން ބުނީ މިވަގުތު މަސައްކަތް ކުރަނީ އެކަން ދިމާވި ސަބަބު ހޯދަން ނޫން ކަމަށާއި އޭގެ ބަދަލުގައި ކަރަންޓު ވީއެންމެ އަވަހަކަށް ފޯރުކޮށްދޭން ކަމަށެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގައި ހިމެނޭ، މާލެ، ހުޅުމާލެ އަދި އެއާރޕޯޓު ހިމެނޭހެން ކަރަންޓު ކެނޑިފައި ވަނީ މިއަދުގެ މެންދުރުފަހު 12:45 ހާއިރެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ، މިފަދަ ކަންކަން ތަކުރާރު ނުވާނޭހެން ކަންކަން އިންތިޒާމުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމަށެވެ.