ޚަބަރު
ބަލިން ސަލާމަތްވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ: ރައީސުލްޖުމްހޫރިއްޔާ

ވަކި އުމުރަކުން ފެށިގެން ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާގޮތަށް ޤާނޫނަށް ގެނައި އިސްލާޙު ތަސްދީގުކުރުން، ފޮޓޯ: ރައީސް އޮފީސް

ފަރުދުން
31 މޭ 2025، 01:03
31 މޭ 2025، 01:03
ބަލިޖެހުމުގެ ކުރިން ބަލިން ސަލާމަތްވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ނޯ ޓޮބޭކޯ ޑޭ" ނުވަތަ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރާއްޖޭން ދޭން ބޭނުންވާ ޔަގީންކަމަކީ ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ރާއްޖޭން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.
ރައީސް ވަނީ ދުންފަތާ ދެކޮޅަށް އެމަނިކުފާނު އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ސިއްޙަތު ރަނގަޅު މުސްތަގުބަލަކަށް އެމަނިކުފާނު އެޅުއްވި ފިޔަވަޅެއްކަމަށް ބަލައިގަތުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ދުންފަތާއި ނިކޮޓީން ހިމެނޭ ބާވަތްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރެއްވުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުން ރާއްޖޭގައި ވަނީ ވަރުގަދަ ފިޔަވަޅުތަކެއް މިދިޔަ އަހަރުގެ ފަހުކޮޅާއި، މި އަހަރުގެ ތެރޭގައި އަޅާފައެވެ. އެގޮތުން ވޭޕުގެ ބާވަތްތައް ރާއްޖެ އެތެރެކުރުމާއި ބޭނުން ކުރުމަކީ މަނާކަމެކެވެ. އަދި 2007ވަނަ އަހަރުގެ ޖެނުއަރީ 1ން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާގޮތަށް ޤާނޫނަށް ވަނީ އިސްލާޙު ގެނަސްފައެވެ.
ދުންފަތާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުންދާ ފިޔަވަޅުތައް ފާހަގަކޮށް، ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ވަނީ އެމަނިކުފާނަށް ހާއްސަ އެވޯޑެއްވެސް ދެއްވާފައެވެ.