ޚަބަރު
ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޙައްޖަށް ފުރާވަޑައިގަތުން، ފޮޓޯ: ރައީސް އޮފީސް

ފަރުދުން
31 މޭ 2025، 10:29
31 މޭ 2025، 10:29
މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން، ސަޢޫދީ ޢަރަބިއްޔާގައި ތިއްބަވާނީވެސް، ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހްމާންދާރީގައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުތަކުގެ ހުރިހާ ޚަރަދެއް ވެސް ހަމަޖައްސައިދެނީ ސައުދީ ސަރުކާރުން ކަމަށް އިއްޔެ އޮތް ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މިދަތުރުފުޅު އެމަނިކުފާނަށް ހަމަޖައްސަވައިދެއްވާފައި ވަނީ ވަރަށް ޚާއްސަ ގޮތަކަށް ކަމަށެވެ. އެގޮތުން އެމަނިކުފާނަށް ވަކިން ފްލައިޓެއް ވެސް ހަމަޖައްސައިދީފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ސަރުކާރުން އެއްވެސް ޚަރަދެއް ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެއީ، ހިލޭ ސައުދީ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައިވާ ދަތުރުފުޅެއް ކަމަށް ވިދާޅުވިއެވެ. އެއީ ސައުދީގެ ފުރިހަމަ މެހެމާންދާރީގެ ތެރެއިން ދެއްވި ފުރުސަތެއް ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.
ހައްޖުގެ އަޅުކަމަށް ރައީސް ފުރާވަޑައިގެންނެވުމަށް ތައްޔާރުވެފައިވާއިރު، އެމަނިކުފާނު ވަޑައިގަންނަވަނީ ދިވެހިންނަށް ސައުދީން ދީފައިވާ 1000 މީހުންގެ ކޯޓާގެ ދަށުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުން ނެވެ. މިކަމާ ގުޅިގެން ރައީސް ވިދާޅުވީ އެފަދަ ދޮގު ވާހަކަތައް ދައްކަމުން ދިޔުމަކީ "ދެރަކަމެއް" ކަމަށެވެ. މިއީ 1000 ކޯޓާއާއި ގުޅުންހުރި ދަތުރުފުޅެއް ނޫންކަމަށާއި މިއީ ސައުދީ ސަރުކާރުގެ ޚާއްޞަ ފުރުސަތެއްކަން ރައީސް ވިދާޅުވިއެވެ.