Ads by Stelco

ޚަބަރު

ފަސް ގަރުނަށް ވުރެ ގިނަ ދުވަސްވެފައިވާ ވެލިދޫ ނިކަ ގަހުގެ ބޮޑު ބައެއް ވެއްޓިއްޖެ

ފަސް ގަރުނަށް ވުރެ ގިނަ ދުވަސްވެފައިވާ ވެލިދޫ ނިކަ ގަހުގެ ބޮޑު ބައެއް ވެއްޓިއްޖެ

ވެލިދޫ ބޮޑު ނިކަގަސް ވެއްޓިފައި، ފޮޓޯ: ގާފު

31 މޭ 2025، 10:08

ފަސް ގަރުނު ނުވަތަ 500 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، ނ. ވެލިދޫގެ ރަމްޒެއްގެ ގޮތުގައި ބެލެވިފައި އޮތް އެ ރަށުގެ ބޮޑު ނިކަ ގަހުގެ ބޮޑު ބައެއް ވަޔާ ވެއްޓިއްޖެއެވެ. 

މި ހާދިސާގައި އެ ގަހުގެ އެންމެ މައި އޮފިން ބޮޑު ބައެއް ބިންދައިގެން ގޮސްފައި ވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ކޮޅިގަނޑު އައިސްފައިވަނީ އިއްޔެ މެންދުރުފަހު 3:45 ހާއިރެވެ.

މީގެ އިތުރުން، މި ހާދިސާގައި އަމިއްލަ ފަރާތަކުން ރާވަމުން ދިޔަ އޮޑިހަރުގެއެއް ވެއްޓުމާއި، ގެއެއްގެ ފުރާޅު އެއްލާލުމާއި އަދި ބައެއް ގަސްރުށް ވެއްޓުން ހިމެނޭކަމަށް ވެލިދޫ ކައުންސިލްގެ ރައީސް ހާމަކޮށްފައިވެއެވެ.

ރަށުގެ މަލަމަތިން ފެންނަން ހުންނަ ވެލިދޫ ނިކަގަސް ވެއްޓުމުގެ ކުރިން ހުރި ބޮޑު މިނުގައި އެ ގަސް އަބަދުވެސް ފެންނަން ހުންނަކަން މިހާރުގެ ޖީލު ކުޑައިރުއްސުރެ ހަނދާންހުންނަކަމަށް، އެ ރަށުން ވާހަކަދެއްކި މީހަކު ވަނީ "ފަރުދުން"އާ ޙިއްސާކޮށްފައެވެ.

ރަށުގެ މެދަށް ވާގޮތަށް ހެދިފައި ހުރި މި ގަހަކީ ރާއްޖޭގައި ތިން ވަނައަށް އެންމެ ގިނަ ދުވަސްވީ ގަސްކަމަށް ވެއެވެ. އެ ގޮތުން ގަހުގެ ވަށަމިނުގައި ގާތްގަނޑަކަށް 19 މީޓަރު ހުންނައިރު، އަންދާޒީ އުސްމިނުގައި 55 މީޓަރު ހުންނަކަމަށް ވެއެވެ. 

މި ހާދިސާއާ ގުޅިގެން އެ ރަށު ސްކޫލު ޓީޗަރެއް ކަމުގައިވާ މުޙައްމަދު ޢަލީ ފޭސްބުކްގައި ޙިއްސާކުރައްވާފައިވާ ގޮތުގައި، އެ ގަހަކީ މާލެއިން އުތުރަށް ދަތުރުކުރާ މާލިމީންގެ ފާހަގައެއްގެ ގޮތުގައި ބޭނުންކުރަމުން އައި ގަހެކެވެ. މީގެ އިތުރުން މިއީ ކަތީބުން ރައްޔިތުންނާ ބައްދަލުކުރުމަށް 1980ގެ އަހަރުތަކުގައި ބޭނުންކުރި މާލަމެއް ކަމުގައި ވެސް ފާހަގަކުރައްވާފައިވެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅެ، ދަތުރުފަތުރު ކުރަން ފެށީއްސުރެ މާލެއިން އުތުރަށް ދަތުރުކުރާ މާލިމީންގެ ފާހަގައެއްގެ ގޮތުގައި އަދާ ޖެހެންދެންވެސް (ޚާއްސަކޮށް ޒަމާނީ ޓެކްނޮލޮޖީ އާންމު ނުވާއިރު)  ބޭނުން ކުރަމުން އައި ދަތުރުވެރިންގެ މިސްރާބީ ފާހަގައެއް ގޮތުގައި ބަލަމުން އައީ ވެލިދޫ ބޮޑު ނިކަގަސް.

ވެލިދޫ ކައުންސިލް މެންބަރުކަން ވެސް ކުރެއްވި މުޙައްމަދު ޢަލީ ފޭސްބުކްގައި ޙިއްސާކުރެއްވި މަޢުލޫމާތުގައި ވެއެވެ.

މިއީ1980ގެ އަހަރުތަކުގައި ހުކުރުދުވަހުގެ ހުކުރު ނަމާދަށްފަހު ރަށުއޮފީހުން ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންނަށް ދޭންވާ ނަސޭޙަތަކާއި ފޯރުކޮށްދޭންޖެހޭ ޚަބަރުތަކެއް ދިނުމަށްޓަކާ ދެހުކުރުން އެއްހުކުރު މި ބޮޑުނިކަގަސްދޮށަށް އެއްކޮށްގެން ކަތީބުންގެ ވާހަކަ ދެއްކުންތައް ކުރިޔަށްގެންދާ މާލަމެއް.

ބޮޑު ނިކަގަހުގެ ހަނދާންތައް ޙިއްސާކުރަމުން، މިހާރު ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މަސައްކަތް ކުރައްވަމުން އަންނަ މުޙައްމަދު ޢަލީ ފާހަގަކުރެއްވެވިއެވެ.

ވެލިދޫގެ ގިނަ ބަޔަކު މި ހާދިސާ ސިފަ ކުރަނީ ބޮޑު ހިތާމައެއްގެ ގޮތުގައެވެ. އެގޮތުން އެ ރަށު ޒުވާނަކު ފޭސްބުކްގައި ޙިއްސާކުރި މެސެޖެއްގައި ބުނީ، ގަސް ވެއްޓިފައި އޮތް މަންޒަރު ފެނުމުން ވެލިދޫ ދަރިއެއްގެ ހައިސިއްޔަތުން ފުން އަސަރުތަކެއް ކުރުވި ކަމަށެވެ.

" 30 މެއި 2025، 500 އަހަރުވީ ބޮޑު ނިކަ ގަހުގެ ބޮޑު ބައެއް ވެއްޓި ވެލިދޫގެ ބޮޑު އާބާދީއެއް ރޮއްވާލި ބޮޑުވެގެންވާ ހިތާމަވެރި ދުވަހެއް! މި މަންޒަރު ހަމަ ލޮލުން ފެނުމުން ހަގީގަތުގަވެސް ވެލިދޫއަށް އުފަން  އަދި ހަނދާން ހުންނަންފެށީއްސުރެ އެގަސް ރަށުގެ މަލަމަތިން ފެންނަ ވެލިދޫގެ ދަރިއެއްގެ ހައިސިއްޔަތުން  ފުން އަސަރުތަކެއް ކުރުވި!" ވެލިދޫ ޒުވާނަކު ފޭސްބުކްގައި ޕޯސްޓުކޮށްފައިވާ މެސެޖެއްގައި އޮތެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS