Ads by Stelco

ޚަބަރު

ރައީސްގެ ދެކަނބަލުން ޙައްޖަށް ފުރާވަޑައިގަންނަވަނީ

ރައީސްގެ ދެކަނބަލުން ޙައްޖަށް ފުރާވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނާއެކު ޕޮޑްކާސްޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ- ފޮޓޯ: ރައީސް އޮފީސް

30 މޭ 2025، 06:45

ސައުދީ ރަސްގެފާނުގެ ޚާއްސަ މެހެމާން ދާރީގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މާދަމާ ސަޢޫދީ އަރަބިއްޔާއަށް ޙައްޖުގެ އަޅުކަމަށް ފުރާވަޑައިގަންނަވާކަން އިޢުލާނު ކުރައްވައިފިއެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެސް ޙައްޖަށް ވަޑައިގަންނަވަނީ ރާއްޖޭގައި ވެރިކަން ކުރެއްވި އެހެން ބޭފުޅުންނެކޭ އެއްގޮތަށް، ސައުދީ ރަސްގެފާނުގެ ޚާއްސަ މެހެމާން ދާރީގައި ކަމަށެވެ. އެގޮތުން މި ދަތުރުފުޅުތަކުގެ ހުރިހާ ޚަރަދެއް ވެސް ހަމަޖައްސައިދެނީ ސައުދީ ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ މިދަތުރުފުޅު އެމަނިކުފާނަށް ހަމަޖައްސަވައިދެއްވާފައި ވަނީ ވަރަށް ޚާއްސަ ގޮތަކަށް ކަމަށެވެ. އެގޮތުން އެމަނިކުފާނަށް ވަކިން ފްލައިޓެއް ވެސް ހަމަޖައްސައިދީފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން  ސަރުކާރުން އެއްވެސް ޚަރަދެއް ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެއީ، ހިލޭ ސައުދީ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައިވާ ދަތުރުފުޅެއް ކަމަށް ވިދާޅުވިއެވެ. އެއީ ސައުދީގެ ފުރިހަމަ މެހެމާންދާރީގެ ތެރެއިން ދެއްވި ފުރުސަތެއް ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.

ހައްޖުގެ އަޅުކަމަށް ރައީސް ފުރާވަޑައިގެންނެވުމަށް ތައްޔާރުވެފައިވާއިރު، އެމަނިކުފާނު ވަޑައިގަންނަވަނީ ދިވެހިންނަށް ސައުދީން ދީފައިވާ 1000 މީހުންގެ ކޯޓާގެ ދަށުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުން ނެވެ. މިކަމާ ގުޅިގެން ރައީސް ވިދާޅުވީ އެފަދަ ދޮގު ވާހަކަތައް ދައްކަމުން ދިޔުމަކީ "ދެރަކަމެއް" ކަމަށެވެ. މިއީ 1000 ކޯޓާއާއި ގުޅުންހުރި ދަތުރުފުޅެއް ނޫންކަމަށާއި މިއީ ސައުދީ ސަރުކާރުގެ ޚާއްޞަ ފުރުސަތެއްކަން ރައީސް ވިދާޅުވިއެވެ.

ދެން އަނެއްކާ އޭގެ އިތުރަށް ދަންނަވާލަން އަޅުގަނޑަށް ވަރަށް ޚާއްސަ ގޮތަކަށް ކަންކަން ހަމަޖައްސައިދީފަ މިއޮތީ. ވަކިން ފްލައިޓެއް ވެސް އެރޭންޖުކޮށްދީފައި، ހަމަޖައްސައިދީފައި. އެއީ ވެސް ސަރުކާރުން އެއްވެސް ޚަރަދެއްކުރަން ޖެހޭ ކަމެއް ނޫން. ސަރުކާރުން ޗާޓާއެއް ވެސް ނުކުރޭ، ހިލޭ ރޯޔަލް ކޯޓުން ހަމަޖައްސައިދެނީ 

ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދުގެ ޕްރޮގްރާމުގައި ރައީސް ވަނީ މި އަހަރަކީ ދިވެހި ހައްޖުވެރިންނަށް އެންމެ ލުއި ފަސޭހަ އިންތިޒާމުތައް ހަމަޖެހިގެންދާނެ އެންމެ ރަނގަޅު ހައްޖު މޫސުމަށްވާނެ ކަަން ފާހަގަ ކުރައްވާފައެވެ. އަދި އެކަން ކުރުމުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީޢަހުދު އަލްއަމީރު މުޙައްމަދު ބިން ސަލްމާންގެ އިތުރުން އެ ގައުމުގެ ސަރުކާރުން ވެދެއްވި އިހުސާންތެރިކަމަށް އިޚުލާސްތެރި ޝުކުރެއް ދަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދުގެ "ރައްޔިތުންނާއެކު" ޕްރޮގްރާމުގައި ވިދާޅުވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS